އިސްލާމިކް މިނިސްޓްރީ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއާއި ދެމެދު މުހިއްމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިއްޔެ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ސޮއިކުރެވުނު ފުރަތަމަ އެއްބަސްވުމަކީ އިސްލާމިކް މިނިސްޓްރީ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދިރާސާގެ އެއްބަސްވުމެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ހައްވާ ލަތީފެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމި ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޑީން ޑރ. އާމިނަތު ޝާފިޔާ އާދަމްއެވެ.
މި އެއްބަސްވުމުގެ ދަށުން ”ލޯކަލް ޓޫރިޒަމްގެ ސަބަބުން މުޖުތަމަޢަށް ކުރާ އަސަރު“ގެ މައްޗަށް ދިރާސާއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ދެން ސޮއިކުރެވިފައިވާ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ކުރިއަށް ގެންދާ ”އިލްމީ ކުރިއެރުމާއި ބެހޭ ބައިނަލްއަޤުވާމީ މަހާސިންތާ“ގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި އިސްލާމީ ވަޤްފު ފަންޑު ހަމަޖެއްސުމާއި ގުޅޭ އެއްބަސްވުމުގައެވެ.
މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ޝުކާއު އަބްދުލް ހަކީމްއެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ވިސާލް މޫސާއެވެ.

