ޕާކިސްތާނުގެ 79 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ އާސިފް އަލީ ޒަރްދާރީއަށާއި، ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުތަކުގައި، ރައީސް ވަނީ ޕާކިސްތާނުގެ ލީޑަރުންނަށާއި، ސަރުކާރަށާއި، އަހުވަންތަ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

މިގޮތުން، ޕާކިސްތާނުގެ ރައީސް ޒަރްދާރީއަށް ފޮނުއްވި ސިޓީފުޅުގައި، ރައީސް ވަނީ، ދެ ގައުމުގެ މެދުގައި އޮންނަ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމަށް ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތުކަން ފާހަގަކުރައްވައި، ތަފާތު ދާއިރާތަކުން އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ފޮނުއްވި ސިޓީފުޅުގައި، ރައީސް ވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރައްވައި، ދެ ގައުމުގެ މެދުގައިވާ ޒަމާންވީ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން އެބައޮތްކަމުގައި ވިދާޅުވެފައެވެ.

ސިޓީފުޅުތައް ނިންމަވާލައްވަމުން، ރައީސް ވަނީ ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، ޕާކިސްތާނުގެ ރައްޔިތުންނަށް ތާއަބަދުގެ ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.

މި ޝުއޫރުތައް ތަކުރާރުކުރައްވައި، ރައީސް ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައިވެސް ޕޯސްޓެއް ހިއްސާކުރައްވާފައެވެ.