އަޅުގަނޑުމެން އެންމެންނަކީ ގައުމާމެދު އިހުލާސްތެރިކަމާއެކު ދެކޭ ބަޔަކަށް ވާންޖެހޭކަމަށާ، އަމަލާއި ބަހުންވެސް އެކަން ދެއްކުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ، ރައީސް އޮފީހުގައި މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިމޭރުމުން ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގައި ނެތެމުންދާ އިޙްތިރާމް އާދަކުރުމުގެ ރިވެތި އާދަކާދަ އަލުން އިޔާދަކުރުމަށްޓަކައި އަދުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ”އިޙްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު“ ފެށުމާ ގުޅުން ހުރި ކަންކަން، އާދިއްތަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފާސްކުރައްވާފައިވާކަން ހާމަކުރެއްވިއެވެ.
އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި މި މަޝްރޫއު ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކަންމިހެން އޮތްނަމަވެސް، މަޝްރޫއު ފެށުމަށް ތައްޔާރީތައް ވަމުން ދިޔައިރު، ސަރުކާރުން ދިން ދައުވަތު ގަބޫލުކުރުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ދެކޮޅު ހެދިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއީ ހިތާމަފުޅުކުރައްވާ ކަމެއްކަމަށާ، ގައުމަށް ފައިދާ ކުރަނިވި ކަމެއްގައި ކޮންމެ ބަޔަކުވެސް އެކައްޗެއް ކިޔަންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އެންމެންގެ ބައިވެރިވުމާއެކު މިމަޝްރޫޢު ކާމިޔާބުކޮށްދެއްވުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތުގެ އަލިކަން ލިބުނުތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ސަރުކާރުން ކުރިއަށްގެންދަވާ ބައެއް މަސައްކަތްތައްވެސް ހިއްސާކުރައްވާފައެވެ.
މިގޮތުން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މައި މަގުތަކުގައި، ނަސޭޙަތާއި ޒިކުރު ބޯޑުތައް ހަރުކުރުމުގެ ބޮޑު މަޝްރޫޢެއް ކުރިއަށްދާނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

