ސަރުކާރުން 100 ޕަަސަންޓް ހިއްސާވާ ގޮތަށް ”ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް“ގެ ނަމުގައި ކުންފުންޏެއް އުފައްދައިފިއެވެ.

މި ކުންފުނި އުފައްދާފައިވަނީ ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ރައީސް ނެރުއްވި ގަރާރަކުންނެވެ.

ރައީސް އޮފީހުން ބުނީ މިއީ ސަރުކާރުގެ މާލީ ބޭނުންތަކާއި އިސްލާމީ މާލީ ދާއިރާ ފުޅާވަމުންދާއިރު ސަރުކާރުގެ އެހީތެރިކަމާއެކު ދެވަނަ ހިއްސާގެ ބާޒާރެއް ކުރިއަށް ގެންދިއުމަށްޓަކައި އުފައްދަވާފައިވާ ކުންފުންޏެއް ކަމަށެވެ.

މި ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ދިވެހި ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް ކުރިއަރުވައި، މާކެޓުގެ އިތުބާރާއި ދެފުށް ފެންނަ މިންވަރު އިތުރުކުރުމާއި، ޒަމާނީ ސެކިއުރިޓީޒް އެކްސްޗޭންޖްތަކާއި ޓްރޭޑިން ފެސިލިޓީތައް ގާއިމުކޮށް ހިންގުމާއި، ދައުލަތުގެ ސެކިއުރިޓީޒްއާއި އިސްލާމީ ޝަރީއާގެ ހަމަތަކަށް ފެތޭ ސުކޫކާއި އެހެނިހެން މާލީ ވަސީލަތްތައް ނެރުމާއި، ލިސްޓުކުރުމަށާއި، މުއާމަލާތުކުރުމުގެ މަގުފަހިކޮށްދިނުމާއި، ސެންޓްރަލް ސެކިއުރިޓީޒް ޑިޕޮސިޓަރީއާއި، ކްލިއަރިން އަދި ސެޓްލްމަންޓުގެ ޒަމާނީ ޕޯސްޓް-ޓްރޭޑް ހިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާލީ މުއައްސަސާތަކާ ގުޅިގެން ދިވެހިރާއްޖޭގައި ހަރުދަނާ އަދި ދެމެހެއްޓެނިވި މާލީ ބާޒާރެއް ބިނާކުރުންވެސް މިކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.