ޗައިނާގެ މެދުތެރޭގެ ހެނާން ޕްރޮވިންސްގެ އަންޔަންގް ސިޓީގެ ވޯކްޝޮޕެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 36 މީހުން މަރުވެއްޖެއެވެ.

Ads by Asuru

ޗައިނާގެ ދައުލަތުގެ މީޑިއާއިން އެގައުމުގެ ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، މި ހާދިސާގައި އިތުރު ދެ މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، ދެ މީހަކު ގެއްލިފައިވާ ކަމަށެވެ.

ހޯމަ ދުވަހުގެ ހަވީރު 4:00 ޖަހާކަންހާއިރު ރޯވި މި އަލިފާންގަނޑު ނިއްވުމަށް ފަޔަރ ފައިޓަރުންނަށް ގާތްގަނޑަކަށް ހަތަރު ގަޑިއިރު ހޭދަ ކުރަން ޖެހުނެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން 200 އަށް ވުރެ ގިނަ ރެސްކިއު ވޯކަރުންނާއި 60 ފަޔާ ފައިޓަރުން ހަރަކާތްތެރިވިއެވެ. މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ބޭނުންވާނެ ނަފްސާނީ އެހީތެރިކަން ފޯރިކޮށްދިނުމަށް، ސައިކޮލޮޖިކަލް ކައުންސެލަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އަލިފާން ރޯވެފައިވަނީ އާންޔަންގްގެ ”ހައިޓެކް ޒޯން“ ގައި ހުންނަ އަމިއްލަ ފަރާތްތަކުގެ ކުޑަ ކުންފުންޏެއްގެ ޕްލާންޓެއްގައެވެ.

ޗައިނާއަކީ ސިނާއީ އެކްސިޑެންޓްތަކުގެ ތާރީޚެއް އޮތް ގައުމެކެވެ. މިގޮތުން ގިނަ ފަހަރަށް ވާދަވެރި މާހައުލެއްގައި ސަލާމަތީ ގަވާއިދުތަކަށް ބޯނުލެނބުމުގެ ސަބަބުން މިފަދަ ހާދިސާތައް ހިނގުން އިތުރެވެ.