ސްކޭމް މައްސަލަތަކުގައި ފާއިތުވި ހަފުތާގައި ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލުނު ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ސެޕްޓެމްބަރު 27 އިން މި މަހުގެ ތިން ވަނަ ދުވަހަށް ރިޕޯޓްކުރި 41 މައްސަލައިގައި 386،611.68 ރުފިޔާ ގެއްލިފައިވެއެވެ.
އަދި 381،503 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ސްކޭމް ހިންގުމަށް ބޭނުންކުރި މަންސަތަކުގެ ތެރޭގައި އޮންލައިން މެސެޖިން އެޕްތަކާއި، އައިބޭގެ އިތުރުން ޓިކްޓޮކާއި ފޯންކޯލާއި ފިޝިން ލިންކް އަދި ފޭސްބުކް މާކެޓްޕްލޭސް ހިމެނެއެވެ.
ސްކޭމްގެ ބާވަތްތަކަށް ބަލާއިރު ފައިސާ މާރުކުރުމުގެ 16 މައްސަލަ އާއި އީކޮމާސްގެ 14 މައްސަލައިގެ އިތުރުން ބުކިން ކެންސަލޭޝަން އަދި ރިފަންޑް ސްކޭމްގެ ފަސް މައްސަލަ އާއި އިންވެސްޓްމަންޓްގެ ފަސް މައްސަލަ އަދި އެހެނިހެން ބާވަތްތަކުގެ އެއް މައްސަލަ ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

