ރަސްމާލޭގައި ހިންގާ ބިޔަ މަޝްރޫއު އަކީ ސީދާ ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ މަޝްރޫއުއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

”މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ“ ގެ ނަމުގައި ރަސްމާލޭގައި ބޮޑު މަޝްރޫއެއް ހިންގަން ޔޫއޭއީގެ ރިއަލް އެސްޓޭޓްގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އީގަލް ހިލްސްއާ އެކު ސަރުކާރުން ވަނީ ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެއީ 500 ހެކްޓަރުގެ ސަރަޙައްދެއްގައި 20 ބިލިއަން ޑޮލަރުގެ ”ވޯޓަ ފްރަންޓް އެންޑް މެރީނާ“ މަޝްރޫއެއް 10 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމެކެވެ.

އަދި އެ މަޝްރޫއުގެ ދަށުން ދިރިއުޅޭނެ ގެދޮރާއި ހޮޓާތަކާއި ރިސޯޓުތަކާއި މެރީނާގެ އިތުރުން ފިހާރަތަކާއި އޮފީސްތަކާއި ތައުލީމީ އަދި ސިއްހީ ހިދުމަތްދޭ މަރުކަޒުތައް ގާއިމުކުރުމަށް ވަނީ ޕްލޭންކޮށްފައެވެ.

އެމްއެމްޓީވީގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، މިއީ ރާއްޖޭގައި އިންވެސްޓު ކުރަން ބޭނުންވާ ފަރާތްތަކުން ސިއްސުވާލި މަޝްރޫއުއެއް ކަމަށާއި، ”ލާޖް ސްކޭލް“ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރި ހިސާބުން އޭނާ އަށް ވެސް ބޭރުގެ އެކި ގައުމުތަކުން ގިނަ ބަޔަކު ގުޅި ކަމަށެވެ.

”މިކަހަލަ ބައިވަރު ޕްރޮޖެކްޓުތައް ހިނގަން ފެށީމަ، ކިހާ ރަނގަޅުވާނެ އަޅުގަނޑުމެންނަށް، އެހެންނޫންތޯ؟ މީގެ ފަހަތުން އަންނާން ހުރި ޕްރޮޖެކްޓްތަކާ، 50،000 ވަޒީފާ އެބަ ލިބޭ. އަދި އިމީޑިއެޓްލީ ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު އަންނަން ފަށާނެ. ކިހާ ބައިވަރު ޑޮލަރެއް އަންނާނެ.“ ޖާބިރު ވިދާޅުވިއެވެ.

”އަދި ރާއްޖެއިން ކިހާ އެއްޗެއް އުފައްދާނެ. އެހެންވީމަ، ރާއްޖޭގެ ރައްޔިތުންގެ ޖީބަށް ލާރި ވަންނާނެ ކަހަލަ ޕްރޮޖެކްޓެއް މިއީ. ތާ އަބަދަށް.“

ޖާބިރު ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން މުޅި ރާއްޖޭގެ އެންމެންނަށް އެތައް ފުރުސަތެއް ލިބިގެންދާނެ ކަމަށާއި، ހާއްސަކޮށް ޒުވާނުންނަށް މިއީ ރަނުގެ ފުރުސަތެއް ކަމަށެވެ. މަޝްރޫއު ނިމުމުން، އެއްވެސް ޒުވާނަކު ކަމެއް ނެތިފައި ހުންނާން ނުޖެހޭނެ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. އޭނާ ވަނީ، ޒުވާނުން ވިޔަފާރިތައް ފެށުމަށް ތައްޔާރުވުމަށް ގޮވައިލައްވައިފައެވެ.

ޖާބިރު ވިދާޅުވީ، މިފަދަ ބިޔަ މަޝްރޫއުއެއް ގެނެސްދެއްވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ތާއީދު ވެސް ކުރަން ޖެހޭ ސަބަބެއް ކަމަށާއި، މިކަން ފާހަގަ ކުރުމަށް ހަވާ ވެސް އަރުވަން ޖެހޭ ކަމަށެވެ.

”މިވަރު ކަމެއް ވީމަ، ހަވާ ނޫންތޯ އަރުވަންވީ. އަޅުގަނޑުމެން ހުރިހާ ރައްޔިތުން އުފާ ކުރަންވީ ކަމެއް. މުޅި ރާއްޖޭގެ އެންމެހާ ރައްޔިތުން އުފާ ކުރަން ޖެހޭ ކަމެއް މިއީ.“ އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ބުނެފައި ވަނީ، ރަސްމާލެ މަޝްރޫއުގެ ސަބަބުން، 10 އަހަރުގެ ތެރޭގައި ދައުލަތަށް 11 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވޭ ކަމުގައެވެ. އެއީ އަހަރަކު އެވްރެޖްކޮށް ގާތްގަނޑަކަށް 1.1 ބިލިއަން ޑޮލަރެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ދައުލަތުން އެއްވެސް ލޯނެއް ނުނަގާނެއެވެ. އަދި ސޮވެރިން ގެރެންޓީއެއް ވެސް ނުދޭނެއެވެ. މީގެ ސަބަބުން ދައުލަތަށް މާލީ އިލްތިޒާމެއް ނުއުފުލައި، ސީދާ އާމްދަނީ ލިބޭނެ މަގު ކަށަވަރުވެގެންދާނެއެވެ.