ގއ. ވިލިނގިލީގައި ބައިނަލްއަގްވާމީ އެއާޕޯޓެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާބެހޭ މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ، ރޭގެ ”އަހާ“ ފޯރަމްގައި އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން، އޭނާ ވަނީ ގއ. ވިލިނގިއްޔާ ގުޅިފައިވާ ފަޅުގައި ބައިނަލްއަގްވާމީ ވައިގެ ބަނދަރަކާއި ރިޒޯޓްތަކެއް ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވައި އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވާކަމަށާއި އެކަމުގެ އަމަލީ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފެށޭނެތޯ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، އެކަމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އަދި ކޮންޓްރެކްޓަރު ބަދަލުކޮށް އަލުން މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.
”އިރާދަކުރެއްވިއްޔާ އައު ކޮންޓްރެކްޓަރަކާއެކު ސޮއިކޮށް، އަމަލީ މަސައްކަތް ފެށުމުގެ މަރުޙަލާގައި މިހާރު މިއޮތީ. އިރާދަކުރެއްވިއްޔާ ނޮވެންބަރު މަސް ނިމުމުގެ ކުރިން ފެށޭނެ.“ އަމީން ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން، ވިލިނގިލީގައި ބައިނަލްއަގްވާމީ އެއާޕޯޓު ތަރައްގީ ކުރުމާއި ގއ. އަތޮޅުގައި ޓޫރިޒަމް ސިނާއަތު ކުރިއެރުވުމަށް އިންވެސްޓްކޮށް ތަރައްގީ ކުރުން ހިމެނެއެވެ.

