ރައީސް ޑރ.މުހައްމަދު މުއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
އޮކްޓޫބަރު 20އިން 22 އަށް ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ އެޤައުމުގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ދެޤައުމުގެ ދެމެދުގައި މަތީ ފަންތީގެ މަޝްވަރާތައް ކުރެއްވުމަށާ، އަދި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން ފަހުމުނާމާތަކެއް ބަދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި، ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ދެޤައުމުގެ ދެމެދުގައި ބޭއްވޭ މަތީ ފަންތީގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، 26 ޖުލައި 1966 ގައި ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީހީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް ވެރިން ހިމެނިވަޑައިގަންނަވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

