އީގަލް ހިލްސް އިން ރަސްމާލޭގައި ކުރިއަށް ގެންދާ މަޝްރޫއުއަކީ މުޅި ރަސްމާލެ ތަރައްގީ ކުރުމުގެ މަސައްކަތް ކުރު މުއްދަތެއްގެ ތެރޭގައި ހަގީގަތަކަށް ހަދައިދޭނެ މަޝްރޫއުއެއް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ”ދަ ޕަލްސް“ގެ 8 ވަނަ އަދަދުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތައް ހިއްކައި، އެ ތަންތަނުގައި މީހުން އުޅެން ފެށިތާ އެތައް ދުވަހެއް ފަހުން އަސާސީ ހިދުމަތްތައް ލިބިގެންދިޔައިރު، ހުޅުމާލޭގައި ކިރިޔާ ވެސް ވިޔަފާރިތައް އުފެދެން ފެށީ ސިނަމާލެ ބްރިޖު އެޅުމުންކަން ރައީސް ފާހަގަކުރެއްވިއެވެ.

މިއީ ސަރުކާރަކުން ރައްޔިތުންނަށް ތަރައްގީގެ ކަންކަން ފޯރުކޮށްދޭން ޖެހޭ ގޮތެއް ނޫން ކަމަށާއި، އެއަށްވުރެ މާބޮޑަށް ރޭވިގެން، ހަލުވިކަމާއެކު މިކަންކަން ކުރެވެން ޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

”އެހެންވީމަ، ރަސްމާލެއިން ރައްޔިތުންނަށް ލިބޭ ގޯތިތަކާ ފްލެޓުތަކުގައި މީހުންނަށް އުޅެވޭނެ ގޮތް ވާނީ، މުޅި ތަނުގައި ތަރައްގީ ކުރު މުއްދަތެއްގެ ތެރޭގައި ހާސިލުވެގެން. ވަޒީފާއަށް ދެވޭނެ ގޮތް ވެގެން. އަދި އެހެނިހެން ކަންކަން މަގުފަހި ވެގެން. އެހެންވީމަ، އެކަންކަން ފުރިހަމަ ކުރުމަށްޓަކައި ރަސްމާލޭގެ އެއްބައިގައި މި މަޝްރޫއު ހިންގުމަށް އަޅުގަނޑުމެން ނިންމި ސަބަބަކީ.“ ރައީސް ވިދާޅުވިއެވެ.

 

”މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ“ ގެ ނަމުގައި ރަސްމާލޭގައި ބޮޑު މަޝްރޫއެއް ހިންގަން ޔޫއޭއީގެ ރިއަލް އެސްޓޭޓްގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އީގަލް ހިލްސްއާ އެކު ސަރުކާރުން ވަނީ ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެއީ 500 ހެކްޓަރުގެ ސަރަޙައްދެއްގައި 20 ބިލިއަން ޑޮލަރުގެ ”ވޯޓަ ފްރަންޓް އެންޑް މެރީނާ“ މަޝްރޫއެއް 10 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމެކެވެ.

އަދި އެ މަޝްރޫއުގެ ދަށުން ދިރިއުޅޭނެ ގެދޮރާއި ހޮޓާތަކާއި ރިސޯޓުތަކާއި މެރީނާގެ އިތުރުން ފިހާރަތަކާއި އޮފީސްތަކާއި ތައުލީމީ އަދި ސިއްހީ ހިދުމަތްދޭ މަރުކަޒުތައް ގާއިމުކުރުމަށް ވަނީ ޕްލޭންކޮށްފައެވެ.

ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެ ކަންބޮޑުވުން ފާޅު ކުރަމުންދާ ފަރާތްތަކުގެ ތެރޭގައި އިހްލާސްތެރިކަމާއެކު، ގައުމާމެދު ވިސްނާ މީހުން ހިމެނޭ ކަމަށާއި، އަދި ސިޔާސީ ބޭނުމުގައި، ގައުމާމެދު އެއްވެސް ހެވެއް ނޭދި، މަޝްރޫއުއާމެދު ސުވާލު އުފައްދާ ބަޔަކު ވެސް އުޅޭ ކަމަށެވެ. އެހެންވެ، ސަރުކާރުން އެ ކަންބޮޑުވުންތަކަށް ޖަވާބު ދީ، ކަންކަން ސާފުކޮށްދެމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރަސްމާލެ މަޝްރޫއުއަކީ މި ސަރުކާރުގެ އެންމެ މުހިންމު މަޝްރޫއު ކަމަށާއި، މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށެވެ.

ސަރުކާރުގެ އެންމެ އުއްމީދީ މަޝްރޫއުކަމަށް ސިފަ ކުރާ މަޝްރޫއުއެކެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ހިންގާ އެންމެ ބޮޑު އެއް މަޝްރޫއުއެވެ.