ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް މީހަކު ހޮވުމަށް ކުރުމަށް ބާއްވާ ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަން އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އީސީން ގެޒެޓްކުރި އިޢުލާނުގައިވާ ގޮތުން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 1-26 ވަނަ މާއްދާގެ ދަށުން ބާއްވާ މި އިންތިހާބުގައި ވޯޓު ނެގުން އޮންނާނީ 28 ނޮވެންބަރު 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 16:00 އަށެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ ވޯޓު ފޮށިތައް ބަންދުކުރުމަށްފަހު، 30 މިނެޓުގެ ހުސްވަގުތުކޮޅަކަށްފަހު ވޯޓު ގުނަން ފަށާނެ ކަމަށެވެ.
އަދި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ 30 ނޮވެންބަރު 2026 ވާ ހޯމަ ދުވަހު ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު މި މަހު 11 އިން ފެށިގެން 26 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އެޕްލިކޭޝަން ފޯމުތައް އޮންލައިންކޮށް ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 15:30 އިން ހަވީރު 18:00 އަށެވެ.

