ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހިމެނޭ ސަރަހައްދުތަކަށެވެ. އެ އިދާރާއިން ބުނީ މި އެލާޓް ދެމިއޮންނާނީ މިއަދު ހެނދުނު 10:20 އިން ފެށިގެން ހަވީރު 16:20 އާ ހަމައަށް ކަމަށެވެ.
މެޓުން ބުނީ އެލާޓްގެ ވަގުތުގައި، އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނުގައި ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ، ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ސަލާމަތީ ފިޔަވަޅުތައް ފުރިހަމަކުރުމަށް ވެސް އިދާރާތަކުން ވަނީ އަންގާފައެވެ.

