ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު މުހައްމަދު އިސްހާގު ދަރް، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ، އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ ތާރީޚީ މުނާސަބު ވަގުތާކަން ފާހަގަކުރެއްވިއެވެ .
މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ޕާކިސްތާނުން އެރުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި، ދެ ގައުމުގެ ގުޅުން، އެކި ދާއިރާތަކުން، އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގައި ދެ ޤައުމުން ހިއްސާކުރާ އިސްލާމީ އަގީދާއަކީ މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބުގެ ވާހަކަފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޕާކިސްތާނުން މަސައްކަތްކުރާނޭކަމުގެ ޔަގީންކަން އެރުވިއެވެ.
އެގޮތުން މިއަދު ސޮއިކުރެވޭ މެމޮރަންޑަމް އޮފް އަންޑަސްޓޭޑިންތަކަކީ މިކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.
ރައީސްއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅަކީ އެ ގައުމުގެ ބޮޑުވަޒީރު، މުހައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

