ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުމަށްޓަކައި، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ހުޅުވާލައިފިއެވެ.

އެ ކޮމިޝަނުން ބުނީ މިއީ ގާނޫނު އަސާސީގެ 14ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމަށްޓަކައި ހުޅުވާލި ފުރުސަތެއް ކަމަށެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ފޯމާ އެކު، އެމްކިއުއޭއިން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓް، ވަނަވަރު އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯ ހުށަހަޅަން ޖެހެއެވެ.

މީގެ އިތުރުން ޤާނޫނީ ދާއިރާގައި މަސައްކަތް ކުރިކަމުގެ ލިޔުންތައް ހުށަހަޅަން ޖެހޭއިރު، ފަނޑިޔާރުކަމުގެ މަޤާމުގައި މިހާރު ތިއްބެވި ބޭފުޅުން އެ މަޤާމުގައި ތިއްބެވިކަމުގެ ލިޔުން ހުށަހަޅާކަށް ނުޖެހެއެވެ.

އަދި ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދައިގެ ކޮޕީއާއި، އައިޑީ ކާޑުގެ ކޮޕީގެ އިތުރުން ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫންކަން އަންގައިދޭ އިލެކްޝަންސް ކޮމިޝަނުގެ ލިޔުން ވެސް ހުށަހަޅަން ޖެހޭއިރު، ދައުލަތުގެ ނުވަތަ އަމިއްލަ އިދާރާއަކާ އެކު ބޮންޑެއް އޮތް ނަމަ އެކަމުގެ ލިޔުމާއި، ލޯ ފާމެއްގެ ހިއްސާއެއް އޮތް ނަމަ އެކަން އެނގޭނެ ލިޔުންތައް ވެސް ހުށަހަޅަން ޖެހޭނެ ކަމަށް ޖޭއެސްސީން ބުންޏެވެ.

ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ އަށްވަނަ ދުވަހުގެ ހެނދުނު 10:00އެވެ.

އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ޖޭއެސްސީގެ ”ފަހިރެސް“ ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް ހާޑް ކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ކޮމިޝަނުގެ ކައުންޓަރަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.