ރާއްޖޭގައި ރިސޯޓެއްގައި ބިދޭސީ ދެ ފިރިހެނަކު ކައިވެނިކުރި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
އެ ދެ މީހުން ކައިވެނީގެ ހަފުލާގެ ވީޑިއޯއެއް ވެސް މި ހަފުތާގެ ތެރޭގައި ސޯޝަލް މީޑިއާގައި އާންމުވެފައިވެއެވެ.
ނަމަވެސް ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައިގައި ކަމާބެހޭ ފަރާތްތަކުން މިހާތަނަށް އެއްވެސް އެެއްޗެއް ބުނެފައި ނުވާތީ ވަރަށް ގިނަ ބަޔަކު މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް، މިކަމާ ގުޅިގެން ސަރުކާރަށް ވެސް ވަރަށް ބޮޑަށް ފާޑަށް ކިޔާފައިވެއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ އަކީ ރާއްޖޭގައި ކުރަން ގާނޫނީ ގޮތުން ހުއްދަ ނޫން އަމަލަކަށްވާތީ އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.
ފުލުހުން ވަނީ ދައުލަތުގެ ދީނަކީ އިސްލާމް ދީނަށްވެފައި ދީނީ އަދި ޝަރުއީ އުސޫލުތަކާއި ރާއްޖޭގެ ގާނޫނުތަކާއި އާންމު އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް އެދިފަ އެވެ.
އަދި ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި އަދި އެހެނިގެން ވަޒީފާތަކުގައި އުޅޭ ބިދޭސީ މުވައްޒަފުންނަށް ވެސް އެފަދަ އަމަލުތައް ހިންގިޔަ ނުދިނުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

