ދުބާއީގެ ”އީގަލް ހިލްސް“ ކުންފުނިން ރަސްމާލޭގައި ހިންގަން އުޅޭ ބިޔަ މަޝްރޫއުއާ ދެކޮޅަށް ޕީޕަލްސް ނެޝަނަލް ފްރަންޓް(ޕީއެންއެފް) އިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)އާ އެއްގަލަކަށް އަރައިގެން ތިބި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ގޮތުން މާޒީ ކޮންމެ ގޮތަކަށް އޮތަސް، ރަސްމާލެ މަޝްރޫއުގެ މައްސަލައިގައި ޕީއެންއެފްއާ ގުޅިގެން މަސައްކަތް ކުރުމަށް އެންމެންނަށް ވެސް މަރުހަބާ ކިޔާނެ ކަމަށެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު، ޝެއިހު އިމްރާން އަބްދުﷲ އަށް ވެސް މަރުހަބާ ކިޔާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
”މިއީކީ އަޅުގަނޑުމެންގެ ރުހުން، އަޅުގަނޑުމެންގެ ތާއީދު ދުވަހަކު ވެސް ލިބޭނެ މަޝްރޫއުއެއް ނޫން އިނގޭތޯ.“ ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މި މަޝްރޫއު ކުރިއަށް ގެންގޮސްފި ކަމުގައިވާނަމަ، ރިޔާސީ ގޮނޑި ހޯދުމަށް، ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް އޮތް ގޮތަކީ ރިޔާސީ އިންތިހާބު ނުބޭއްވުން ކަމަށެވެ. އަދި ރައީސް މުއިއްޒު އަށް އޮތް އެންމެ ރަނގަޅު ގޮތަކީ ރަސްމާލެ މަޝްރޫއު ހިންގަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އޭރުން ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނާނެ ކަމަށާއި، އެ ހާލަތުގައި ކުރެވޭނެ އިތުރު ކަމެއް ނޯންނާނެ ކަަމަށް ވެސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ރަސްމާލެ މަޝްރޫއާމެދު އާންމުންގެ ހިޔާލު ހޯދަން ގޮވާލާ ’ދިވެހީންގެ ބިން ދިވެހީންނަށް‘ ހަރަކާތުން ވަނީ އެއްވުމެއް ވެސް ބާއްވަން ނިންމައިފައެވެ. މި އެއްވުން ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.
އިދިކޮޅުން ރަސްމާލެ މަޝްރޫއު ކުރިއަށް ނުގެންދިޔުމަށް ގޮވާލަމުން އަންނައިރު، ސަރުކާރުން ބުނަމުން އަންނަނީ، ރަސްމާލޭގެ 500 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް ދޫކުރާ އެ މަޝްރޫއުން ގައުމަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށެވެ.

