ޕްލާސްޓިކް ސަރޖަރީ ހެދުމަށްފަހުގައި ދިމާވި މައްސަލަތަކާ ގުޅިގެން އިންޑިއާގެ ފިލްމީ ތަރިއަކު މަރުވެއްޖެއެވެ.

Ads by Asuru

މަޝްހޫރު ކަންނާޑާ ޓީވީ ތަރި، ޗެތާނާ ރާޖް މަރުވެފައިވަނީ ބަރުދަން ލުއި ކުރުމަށް ހެދި ޕްލާސްޓިކް ސަރޖަރީ އަކަށް ފަހުގައި ކަަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

އުމުރުން 21 އަހަރުގެ ޗެތާނާ، ފެޓް ފްރީ ޕްލާސްޓިކް ސަރޖަރީ ހެދީ ބެންގަލޫރޫގެ ޕްރައިވެޓް ހޮސްޕިޓަަލަކުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ މަރުވެފައިވަނީ ސަރޖަރީއަށްފަހުގައި ފުއްޕާމޭގައި ފެން އުފެދި، ކާޑިއެކް އެރެސްޓެއް ދިމާވެގެންނެވެ.

އަދި އޭނާ ސަރޖަރީ ހެދި ހޮސްޕިޓަލުގައި، އެފަދަ މައްސަލައަކަށް ފަރުވާ ދޭނެ އެންމެ އެކަށީގެންވާ ވަސީލަތްތައް ނެތް ކަަމަށްވެސް ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

ޕްލާސްޓިކް ސަރޖަރީ ހެދުމުގެ ކުރިން ޗެތާނާ އޭނާގެ މައިންބަފައިންނަށްވެސް އެކަން އަންގާފައެއް ނުވެއެވެ. އެގޮތުން އެކަން ކުރުމަށް ފޯމުގައި ސޮއި ކުރީވެސް އޭނާގެ ރަހްމަތްތެރިއެކެވެ.

ޗެތާނާގެ ކުއްލި މަރާއެކު އޭނާގެ އާއިލާގެ މެމްބަރުންނާއި ގާތް ރަހްމަތްތެރިންވެސް ތިބީ ޝޮކެއްގައެވެ.