ވ. ފޮއްތެޔޮއިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދަނިކޮށް، ރަސްމާލޭގެ އިރުމަތީ ފަރާތު ފަރަށް އެރި ’ކީސާ‘ ނަމަކަށް ކިޔާ ދޯނީގައި ތިބި ފަޅުވެރިން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ސަލާމަތްކޮށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، މި ހާދިސާގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ ނޮވެންބަރު 10 ވަނަ ދުވަހުގެ ރޭ 23:51 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޓީމެއް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށްފައެވެ.

މި އޮޕަރޭޝަނުގައި، ރޭ މެންދަމު 02:37 ހާއިރު ކޯސްޓްގާޑްގެ ޑައިވަރުން ވަނީ ދޯނި އޮތް ސަރަހައްދަށް ގޮސް، އޭގައި ތިބި ދިވެއްސަކާއި ތިން ބިދޭސީން ސަލާމަތްތެރިކަމާއެކު އެމްއެންޑީއެފް ހާބަރކްރާފްޓަށް ނަގާފައެވެ.

އެއަށްފަހު، އެ ދޯނީގެ ވެރިފަރާތުން ފޮނުވި ”އޯސަން ރައިޑް“ ނަމަކަށް ކިޔާ ދޯނި ރޭ 03:37 ހާއިރު އެ ސަރަހައްދަށް އައުމުން، ސަލާމަތްކުރި ފަޅުވެރިން ވަނީ އެ ދޯންޏަށް ބަދަލުކޮށްފައެވެ.

މި ހާދިސާގައި ދޯނީގައި ހުރި ބިދޭސީ ފަޅުވެރިއެއްގެ ވައަތު ފަޔަށް އަނިޔާވެފައިވާތީ، އޭނާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.