މިދިޔަ ހަފުތާގައި ފުލުހުންނަށް ރިޕޯޓުކުރި ސްކޭމްގެ މައްސަލަތަކުގައި އާންމުންގެ އަތުން ގެއްލުނު ފައިސާގެ ތެރެއިން %67.99 އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގެ ތެރޭގައި މަކަރާއި ހީލަތުގެ ޖުމްލަ 38 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.

އެ މައްސަލަތަކުގައި އާންމުންގެ އަތުން ޖުމްލަ 356,163.40 ރުފިޔާ ގެއްލިފައިވާއިރު، ކަމާ ގުޅޭ މުއައްސަސާތަކާއި ބޭންކުތަކާ ގުޅިގެން ކުރި މަސައްކަތުން އޭގެ ތެރެއިން 245,389.64 ރުފިޔާ ވަނީ އަނބުރާ ހޯދިފައެވެ. މިއީ މާލީ ކުށްތައް ހުއްޓުވުމަށާއި ރައްޔިތުންގެ މުދާ ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ފުލުހުން ފާހަގަކުރެ އެވެ.

އެންމެ ގިނައީ ޑޮލަރު މާރުކުރުމާއި އީ-ކޮމާސް ސްކޭމް

ފުލުހުން ވިދާޅުވި ގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ބޭރު ފައިސާ މާރުކޮށްދޭނެ ކަމަށް ބުނެ ހިންގާފައިވާ މުއާމަލާތްތަކެވެ.

އެގޮތުން އެ ބާވަތުގެ 12 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.

ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ އީ-ކޮމާސް ސްކޭމްތަކެވެ. އެ ބާވަތުގެ 9 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.