ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކ. ގުރައިދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެއެވެ.
ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ގުރައިދޫއަށް މިއަދު ހަވީރުން ފެށިގެން ބޯކޮށް ވާރޭވެހި ރަށުތެރޭގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ބައެއް ފިހާރަތަކަށް ފެންވަދެފައިވާ ކަަމަށެވެ.
އެއްވެސް ގެއަކަށް ފެންވަދެގެން ރިޕޯޓްކޮށްފައި ނުވި ނަމަވެސް ގެތަކަށް ފެން ވަންނަ ހިސާބަށް ފެންގަނޑު އުފުލިފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އަދި މިހާރު ވާރޭ ތުނިކޮށްފައިވާއިރު ކާނުތައް ސާފުކޮށް ފެންހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެންޑީއެމްއޭއިން ވަނީ ހާމަކޮށްފައެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެއެވެ.
