މި ނޫން އެހެން ވެރިކަމެއްގައި ރަސްމާލޭގެ ބިން އަނބުރާ ހޯދާނެ ކަމަށާއި، އެކަމުގެ ބަދަލެއް ވެސް ނުދޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement
Advertise with us

އެމަނިކުފާނު މިފަދައިން ވިދާޅުވީ ”ދިވެހީންގެ ބިން ދިވެހީންނަށް“ މި ނަމުގައި މިރޭ ބޭއްވި އެއްވުމުގައި، ދުބާއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިއްކަން އުޅޭ މަޝްރޫއުއާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން، ރައީސް ޔާމީން ވިދާޅުވީ ދިވެހި ބިމުން އެންމެ ވެލި ފުކެއް ވެސް ދޫ ނުކުރާނެ ކަމަށް ވިދާޅުވެ، އެމަނިކުފާނު އެ ދޫކޮށްލައްވަނީ 500 ހެކްޓަރުގެ ބިން ކަމަށެވެ.

”ދެން ދިވެހި ރައްޔިތުން މަޑުން ނުތިބޭނެ. މުއިއްޒުއަށް އިރާދަކުރެއްވިއްޔާ ދެން އަންނަ އިންތިހާބެއް ކާމިޔާބެއް ނުކުރެވޭނެ.“ ޔާމީން ވިދާޅުވިއެވެ.

އިގްތިސާދީ ނުކުތާތައް ނަންގަވައި، ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ރަސްމާލެ މަޝްރޫއުއަށް ތާއީދު ކުރައްވާތީ ރައީސް ޔާމީން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން މި ގައުމުގައި ޒަޔަނިސްޓުން ވަޒަންވެރި ކުރުވަން އުޅުމަކީ އިލްމުވެރިން ކަންބޮޑުވެވަޑައިގަންނަވާ މައްސަލައެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

”އިލްމުވެރިންތޯ އިގްތިސާދީ ވާހަކަ ދައްކަންވީ؟“ ޔާމީން ސުވާލު އުފެއްދެވިއެވެ.

އީގަލް ހިލްސް އަށް ދޭ ބިމުގެ ބަދަލުގައި 5000 ހައުސިން ޔުނިޓް އަޅައިދޭނެ ކަމަށް ބުނާތީ، މީގެ ކުރިން ވެސް އެފަދަ ކަމެއް ނުކޮށް އެތައް ހައުސިން ޔުނިޓެއް ރާއްޖޭގައި އެޅިކަން ޔާމީން ފާހަގަކުރެއްވިއެވެ. ޔާމީން ވިދާޅުވީ ރާއްޖޭގެ އިލްމުވެރިން ރުގްޔާ ކޮށްގެންވެސް ރައީސް މުއިއްޒު ހަމައަކަށް އަޅުވަން ޖެހޭ ކަމަށެވެ.

މިއީ ރައްޔިތުން ތާއީދު ކުރާ ޕޮލިސީއެއް ނޫންކަން ހުދު ރައީސް މުއިއްޒުއަށް ވެސް އެނގިވަޑައިގަންނަވާ ކަމަށާއި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ނުކުރެވޭނަމަ، ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ޖެހިވަޑައިގަންނަވާނީ، ދުރަށް ދަނީއޭ ވިދާޅުވާން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ މިރޭގެ އެއްވުމުގައި ބައިވެރިވީ ގައުމު ދެކެ ލޯބިވާ، ވަތަނީ މީހުން ކަމުގައި ސިފަ ކުރައްވައިފައެވެ.