މިއަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 114.9 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތަކުން ދައްކައިފިއެވެ.
މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 93.4 މިލިޔަން ރުފިޔާއާ އަޅާބަލާއިރު %23 ގެ ކުރިއެރުމެކެވެ.
މީރާއިން އާންމުކޮށްފައިވާ އޮކްޓޫބަރު މަހުގެ މާލީ ރިޕޯޓަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ލިބުނު ޢަދަދަކީ ވޭތުވެދިޔަ 2025 ވަނަ އަހަރު މުޅިއެކު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 106.4 މިލިޔަން ރުފިޔާއަށްވުރެވެސް އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ ޖުމްލަ އަދަދު ފަހަނައަޅައި ގޮސްފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. ނަމަވެސް، ވަކިން އޮކްޓޫބަރު މަހަށް ބަލާއިރު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 5.2 މިލިޔަން ރުފިޔާއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހު ލިބުނު 5.5 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ކުޑަ ދަށްވުމެކެވެ.
ޒަކާތް ނެގުމާއި ބެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ދަނީ މުހިންމު ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން މަސައްކަތް ކުރަމުންނެވެ. އެގޮތުން އަހަރަކު މުދަލު ޒަކާތް ލިބޭ މިންވަރު %10 އިތުރުކުރުމަށް އެ އިދާރާއިން އަމާޒު ހިފާފައިވާއިރު، 2028 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ ހަމައަށްދާއިރު އަހަރަކު ލިބޭ ޖުމްލަ ޒަކާތުގެ މަދުވެގެން %25 އަކީ ކުންފުނިތަކާއި ބޮޑެތި ވިޔަފާރިވެރިންގެ ފަރާތުން ދައްކާ ޒަކާތަށް ހެދުމަށް ވަނީ އަމާޒު ހިފާފައެވެ.
އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ ހިޖުރީ އެއް އަހަރު ފުރުމުން މުދަލު ޒަކާތް ދެއްކުމަކީ ދީނީ ގޮތުން ވާޖިބުވާ ކަމެކެވެ. އަދި އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލު ޒަކާތް ދެއްކުމުގެ ފުރުސަތު އޮވެއެވެ. އެންމެ ފަހުން މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ ގޮތުގައި މިދިޔަ އޮގަސްޓް 20 ގައި ކަނޑައަޅާފައިވަނީ 19،266.10 ރުފިޔާއެވެ.
