ރާއްޖެއިން އަބަދުވެސް ފަލަސްތީނާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް މުއިއްޒު މި ޔަގީންކަން ދެއްވީ ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ ކޮޕް31 ސަމިޓުގެ ހަވާސާގައި، ފަލަސްތީނުގެ ބޮޑުވަޒީރު ޑރ. މުހައްމަދު މުސްތަފާއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްތީނުގެ އަހުންނާއި އުހުތުންނާއެކު ރާއްޖެއިން އެއްވެސް ޝަރުތަކާ ނުލައި، ސާބިތުކަމާއެކު ދެމިތިބިކަމުގެ ޔަގީންކަން ދެއްވާފައެވެ.
އަދި މިނިވަންކަމާއި، ކަރާމާތާއި، އިންސާފާއި އަމިއްލަ އިހުތިޔާރު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ ހައްގު ޖިހާދަށް ރާއްޖެއިން އަބަދުވެސް ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މީގެއިތުރުން، މި އެއްބައިވަންތަކަމަކީ ދިވެހިންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާ ގައުމީ އަގީދާއާއި އިންސާނިއްޔަތާއި އިންސާފަށް، ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތާއި ދެމުންދާ އެއްބާރުލުން ދެގޮތެއްނުވެ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ ތެރޭގައި، 1967ގެ ކުރިން އޮތް ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސަކީ އެ ގައުމުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމުގެ ހައްގު ހިމެނޭ ކަމުގައި ވިދާޅުވިއެވެ.
