ރައްޔިތުންގެ މަޖިލީހުގެ ކޮންގްރެސް ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވަން، މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވިއިރު، ކަޅު ދަބަހެއް ހިއްޕަވައިގެން ވަޑައިގެންނެވި ސަބަބު ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ސާފު ކޮށްދެއްވައިފިއެވެ.
”ޕީއެންސީ މެންބަރުންނާ ބައްދަލުކުރަން މުއްތަލިބު މަޖިލީހަށް ވަޑައިގެންނެވީ ބޮޑު ”ކަޅު ދަބަހެއް“ ހިފައިގެން“ މި ސުރުހީގެ ދަށުން ”އަދަދު“ގައި ޝާއިއުކޮށްފައިވާ ލިޔުމާ ގުޅިގެންނެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް ”އެކްސްގައި“ މިއަދު މިނިސްޓަރު ވިދާޅުވީ، އޭނާ މަޖިލީހަށް ވަޑައިގެންނެވީ މެމްބަރުންގެ އެދިވަޑައިގަތުމަށް ރިއަލް އެސްޓޭޓް ބިލާ ގުޅޭ ގޮތުން މެމްބަރުން ސާފު ކުރަން ބޭނުންވެލެއްވި ބައެއް ކަންކަން ސާފުކޮށްދެއްވުމަށް ކަމަށެވެ.
އެ ވަގުތަކީ އާރަށުން ފުޓްބޯޅަ ކުޅުއްވައިގެން ވަޑައިގެންނެވި ގަޑިކަމުން ލޯންޗުން ފައިބައިވަޑައިގެން މަޖިލީހަށް ވަޑައިގެންނެވީ، ކުޅޭ ސާމާނު އަޅާފައިވާ ދަބަސް ހިފައިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”މަޖިލިސް އިދާރާއަށް ވަނީ އެ ދަބަސް ސެކިއުރިޓީ ޗެކް ކުރުމަށްޓަކާ ސްކޭނަރއިން ސްކޭންވެސް ކޮށްގެންނެވެ.“ މުއްތަލިބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މަޖިލިސް އިދާރާއިން ނުކުމެވަޑައިގެންނެވިއިރު، ކޮނޑުގައި ވެސް އެ ދަބަސް އޮންނާނެ ކަމަށެވެ.
ދައުލަތުގެ ވަޒީރުންނަށް ވެސް މަޖިލީހަށް ވަދެވެނީ އައިޑީކާޑުގެ ކޮޕީ ފޮނުވައިގެން، ކުރިން ހުއްދަ ހޯދައިގެން ކަމަށާއި، މުއްތަލިބު މަޖިލީހަށް ވަޑައިގެނެންނެވީ ސެކިއުރިޓީގެ ކަންކަން ފުރިހަމަ ކުރައްވައިގެން ކަމަށް ވެސް ޕޯސްޓުގައި ފާހަގަކުރައްވައިފައިވެއެވެ.





