ދިވެހިރާއްޖޭގެ ތާރީހުގައި ތަރައްގީގެ ބޮޑެތި މަސައްކަތްތަކަށް މަދު ބައެއްގެ ފަރާތުން ފާޑުކިޔުންތަކާއި ޝައްކުތައް ކުރިމަތިވި ނަމަވެސް، ދިވެހި ރައްޔިތުން އަބަދުވެސް އިސްކޮށްފައިވަނީ ޤައުމީ ވިސްނުމާއި ޒަމާނީ ކުރިއެރުންކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން، ރައީސް އިތުރަށް ވިދާޅުވީ، އަންހެން ކުދީންނަށް ތައުލީމު ދިނުމާއި، ރަށްރަށުގައި މަގުކެނޑުމާއި، މަސްދޯނިފަހަރުގައި އިންޖީނު އެޅުމުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތް އުފެއްދުމުގައި ދިވެހީން ހޯދި ކާމިޔާބީތަކަކީ އެކަމުގެ އަލިގަދަ މިސާލުތަކެއްކަމަށެވެ.
ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ހިދުމަތްތައް ހަނދާންކޮށްދެއްވަމުން ރައީސް ވިދާޅުވީ، އަންހެން ކުދީންނަށް ތަޢުލީމު ދިނުމަށް އެމަނިކުފާނު ވަކާލާތުކުރައްވަން ފެށްޓެވުމުން، އެއީ ކުރަން ހެޔޮނުވާވަރުގެ ކަމެއްކަމަށް ބައެއް މީހުން ވިސްނައިދޭން މަސައްކަތްކުރިކަމަށެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައި، ގާނޫނީ ބާރުވެރިކަން ހޯއްދަވައިދެއްވައިގެން ގެންނެވި އެ ބަދަލުގެ މަންފާ މިއަދު މުޅި ޤައުމަށް ލިބެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމަ އެފަދައިން، ރަށްރަށުގެ ހަނި ގޯޅިތައް، ފުޅާ ތަނަވަސް މަގުތަކަށް ބަދަލުކުރެއްވުމަށް ފެށްޓެވި މަސައްކަތްޕުޅަށްވެސް ދެކޮޅުވެރިކަން އަމާޒުވި ނަމަވެސް، ވިސްނޭ ދިވެހި ރައްޔިތުން އެ މަދަނީ ތަހުޒީބަށް މަރުޙަބާ ކިޔާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، ސުމުއްވުލްއަމީރު އިބްރާހީމް ނާސިރުގެ ޒަޢާމަތުގައި، މަސް ދޯނިފަހަރުގައި އިންޖީނު އަޅަން ފެށުމުން، އިންޖީނުގެ އަޑަށް މަސްތައް ފިލައިގެންދާނެކަމަށް ބުނެ މަދު ބަޔަކު އެކަމަށް އިންކާރުކުރިކަން ރައީސް ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް ޅ. ނައިފަރު ”އުންމީދު“ ދޯންޏާއި އެ ނޫން ވެސް އޮޑިވެރީންގެ އިސްނެގުމާއެކު، އެ ކުށްހީތައް ނައްތާލައި އެކަމުގެ ސަބަބުން މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް ގެނައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ރަށްތައް ދުރުދުރުގައި އެތުރިފައިވާތީ ފަތުރުވެރިކަމަކީ ރާއްޖޭގައި ކުރިއެރުވިދާނެ ސިނާއަތެއް ނޫންކަމަށް ބޭރުގެ ތަޖުރިބާކާރުންގެ ދިރާސާތަކުން ނިންމި ނަމަވެސް، ދިވެހި ދެތިން ބޭފުޅެއްގެ ބުރަ މަސައްކަތުން އެ ސިނާއަތް އުފައްދައި، މިއަދު ދިވެހި އިޤުތިޞާދުގެ އެންމެ އުސް ތަނބަށް ސިނާއަތް ހެއްދެވިކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ތާރީހީ ހާދިސާތަކުން ސާފުވަނީ ދިވެހި ރައްޔިތުން ބޭނުންވަނީ ހޭލުންތެރި، މަދަނިއްޔަތެއް ލިބިފައިވާ ދިވެހިރާއްޖެއެއްކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.





