ކުޑަ އާބާދީއަކާއެކު 4,000 އަހަރުވީ ތާރީޚެއްގައި މިނިވަންކަންމަތީ ދެމިތިބެ، ޒަމާނީ ޑިމޮކްރަސީގެ އުސޫލުތައް ލިބިގަތުމަކީ ދިވެހީންގެ ގައުމީ ވިސްނުމާއި މާތް ﷲ ދެއްވި މަތިވެރި ނިއުމަތުގެ ހެއްކެއްކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Advertisement
Advertise with us

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ބޭއްވެވި، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުންގެ ނިންމުމުގެ މަތީން ހޮވާފައިވާ ވެރިޔަކު ހިންގާ ޑިމޮކްރެޓިކް ވެރިކަންކަމަށެވެ.

އެހެންކަމުން ޖުމްހޫރީ ދުވަހަކީ ދިވެހީންގެ ދައުލަތުގެ ވެރިކަމާ މެދު ދިވެހީންގެ ބަސް އިއްވި ދުވަސްކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ތާރީހީ ނަސީބުވެރިކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ވަރަށް ފަހަކާ ޖެހެންދެން ވެސް އެއް ލައްކަ މީހުން ހަމަނުވާ މަދު އާބާދީއެއްގެ ބަޔަކު އެތައް ހާސް އަހަރަކަށް މިހާ ބޮޑު ރާއްޖެއެއް ދިފާޢުކޮށް މިނިވަންކަންމަތީ ތިބުމަކީ އާދަޔާ ހިލާފު ހަގީގަތެއް ކަމަށެވެ.

އަދި ދުނިޔޭގައި އަމިއްލަ މިނިވަން ބިމެއް ނުލިބި އަނިޔާ ލިބެމުންދާ އެތައް އިންސާނުނެއްގެ ވޭންތަކާ އަޅާބަލާއިރު، ދިވެހީންނަށް ލިބިފައިވާ އަމާންކަމާއި މިނިވަންކަމަށް ޓަކައި އަބަދުވެސް މާތް ﷲއަށް ޝުކުރުވެރިވާން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އިސްލާމްދީން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގަތްތާ ކުރީކޮޅުގައި ދިވެހީން އެ މާތް ދީން ހިޔާރުކުރިކަމާއި، މި ސަރަޙައްދުގައި އެންމެ ފުރަތަމަ ލިޔެވުނު ފުރިހަމަ ގާނޫނުއަސާސީ އެކުލަވައިލީ ދިވެހީންކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި ރަސްކަމަކުން އިންތިހާބީ ރަސްކަމަކަށް، އިންތިހާބީ ރަސްކަމަކުން ޖުމްހޫރީ ވެރިކަމަކަށް، އަދި ޒަމާނީ ޑިމޮކްރަސީގެ އުސޫލުތަކަށް ދިވެހީން ވާސިލުވުމުން އެނގެނީ، ގައުމަށް އެންމެ ފައިދާހުރި މަގުތައް ހިޔާރުކުރުމުގައި ދިވެހީންނަކީ ލާމަސީލު ނަމޫނާ ރައްޔިތެއްކަން ކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.