މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނޫރާނީވިލާ / އދ. ދިއްދޫ، ޙުސައިން ޒަޔާން (21އ) އާއި ގ. ސިނަމާލެ 022-13 / މާލެ، މުޙައްމަދު އިޔާޒް ޢަބްދުﷲ (21އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހު 17 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު، އެ މީހުންނަށް ފުލުހުން ފެނުމުން ސައިކަލެއްގައި ފިލަން މަސައްކަތްކޮށްފައިވާ ކަމުގައެވެ.
އެހެންކަމުން، އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ހަތް ދަޅާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓުގެ އިތުރުން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 297.4 ގުރާމެވެ.މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙުސައިން ޒަޔާން 10 ދުވަހަށް އަދި މުޙައްމަދު އިޔާޒް ޢަބްދުﷲ ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.





