ކުޑަކުދިންނާ ގުޅުންހުރި ނިންމުންތައް ނިންމުމުގައި އެކުދިންގެ އަޑު އެހުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށާއި އެ ކުދިންނާ ގުޅޭ ނިންމުންތަކުގައި އެ ކުދިންގެ އަޑު އަހައި، އެ ކުދިން އެދޭ ފަދަ މުސްތަގްބަލެއް ބިނާކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރައީސްގެ ވިދާޅުވީ، އަނިޔާއިން ކުދިން ރައްކާތެރިކުރުން ހަރުދަނާކުރުމާއި، ޢާއިލީ މާޙައުލުގައި ކުދިން ބެލެހެއްޓުމުގެ ފުރުސަތު ފުޅާކުރުމާއި، ސިއްހީ ހިދުމަތްތަކާއި، ޝާމިލު ތައުލީމާއި، ތެރަޕީގެ ހިދުމަތްތައް އަދި އިޖުތިމާއީ ރައްކާތެރިކަމާއި އަލުން މުޖުތަމައަށް ރުޖޫއަކުރުމުގެ ނިޒާމު ކުރިއެރުވުމުގައި ރާއްޖެއިން ދަނީ ކުދިންގެ ހެދިބޮޑުވުމުގެ ކޮންމެ މަރުޙަލާއަކަށް ބޭނުންވާ ސިޔާސަތުތައް ތަންފީޒު ކުރަމުން ކަމަށެވެ.
މީގެއިތުރުން ދުންފަތް ކޮންޓްރޯލް ކުރުމަށް ގެންނަ އިސްލާހުތަކާއި، ޑިޖިޓަލް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަކީ ވެސް ކުދިންގެ ދުޅަހެޔޮކަމަށް އަލަށް ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަންކަން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ހަގީގީ ކުރިއެރުމަކީ ހަމައެކަނި ކުޑަކުދިންނަށް އަމާޒުކޮށް ސިޔާސަތުތައް އެކުލަވައިލުން ނޫންކަމަށެވެ.
އެގޮތުން އޭގެ ބަދަލުގައި އެކުދިންގެ ތަޖުރިބާތައް އަޑުއަހައި، އެކުދިންގެ ހިޔާލުތަކަށް އިހުތިރާމްކޮށް، އެކުދިންނަށް ލިބެން އޮތް މުސްތަގުބަލު ބިނާކުރުމުގައި އެކުދިން ބައިވެރިކުރުވުން މުހިންމުކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.





