ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.

Advertisement
Advertise with us

އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކުރީ މިމަހުގެ ދެވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުންނެވެ.

ކްރިިމިނަލް ކޯޓުން ޝާހިދުގެ ބަންދަށް 30 ދުވަސް ދިނީ މިމަހުގެ ތިންވަނަ ދުވަހުއެވެ.

ޝާހިދު ބަންދު އަމަރުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުގައި ނިންމާލާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ އިސް ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާއި ފަނޑިޔާރު އިސްމާއީލް ޝަފީއުގެ އިތުރުން ފަނޑިޔާރު ފަރުހީޒާއެވެ.

ހައިކޯޓުގައި ޝާހިދުގެ ފަރާތުން މައިގަނޑު ތިން ނުކުތާއެއް ފާހަގަކޮށް، އޭނާ ވަގުތުން މިނިވަންކޮށްދިނުމަށް އެދުނެވެ.

އެގޮތުން ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހެޅި ފޯމުގައި ދޮންދަރިއަކާ ބެހުނު ކަމަށް ބުނެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 9 ވަނަ މާއްދާގެ ތުހުމަތު ކޮށްފައިވީ ނަމަވެސް، އޭނާގެ ދޮންދަރިއަކު ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.

އަދި ފޯމުގައި ނެތް އެހެން ތުހުމަތަކަށް ހެކި ހުރި ކަމަށް ބަލައި ބަންދުކުރީ އިޖުރާއަތާ ހިލާފަށް ކަމަށާއި، ހުށަހަޅާފައިވާ ހެކިތަކަކީ އިވުނު ކަމަށް ބުނާ ހެކި ކަމަށްވާތީ އެއީ ޝަރުއީ ގޮތުން ބަލައިގަނެވޭނެ ހެކި ނޫން ކަމަށްވެސް ޝާހިދުގެ ފަރާތުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިފަދަ މައްސަލަތަކުގައި މައިގަނޑު އަސާސަކީ ކުއްޖާގެ ބަސް ކަމަށް ސުޕްރީމް ކޯޓުގެ އަހުމަދު މުހްތާރު ޤަޟިއްޔާގައި ކަނޑައަޅާފައިވާއިރު، ތަހުގީގަށް އަދި ކުއްޖާގެ ބަޔާނެއް ލިބިފައި ނުވާތީ ބަންދުގައި ނުބެހެއްޓޭނެ ކަމަށްވެސް ވިދާޅުވިއެވެ.