ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަންވެސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ”ކްލަބް އެޗްޑީސީ“ އިން ހޯދައިފިއެވެ.
އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން ހިމެނޭ ކްލަބް އެޗްޑީސީގެ ޓީމުން ވަނީ މި ތިން މުބާރާތުގައި ކުޅުނު ޖުމުލަ 12 މެޗުންވެސް މޮޅުވެފަ އެވެ.
ބީޗް ވޮލީ ޗެމްޕިއަންޝިޕް
މި މަހުގެ 9 އިން 13 އަށް މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައި ޖުމުލަ 18 ޓީމު ވާދަކުރި މި މުބާރާތުގައި އެޗްޑީސީގެ ފަރާތުން ތިން ޓީމު ވާދަކުރި އެވެ. އެއީ:
- ކްލަބް އެޗްޑީސީ 1: އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން
- ކްލަބް އެޗްޑީސީ 2: މާލިކް އަސަދު އަދި ބިލާލް އަސްއަދު
- ކްލަބް އެޗްޑީސީ 3: އަލީ ނިމާލް އަދި ހުމާމް ހަސަން
މި މުބާރާތުގެ ޗެމްޕިއަންކަން ކްލަބް އެޗްޑީސީ 1 އިން ހޯދީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެންނެވެ.
ނޭޝަނަލް ބީޗް ވޮލީބޯޅަ ލީގު
މި މަހުގެ 15 އިން 17 އަށް ކުރިއަށްދިޔަ ބީޗް ވޮލީ ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ހަ ޓީމު ވާދަކުރި މި މުބާރާތުގައި މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައި އެޗްޑީސީ ތަމުސީލުކުރީ ކްލަބް އެޗްޑީސީގެ އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން އެކަންޏެވެ.
ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، މި ލީގުގެ ޗެމްޕިއަންކަން ވެސް ހޯދީ އެ ޓީމުންނެވެ.
ނޭޝަނަލް ބީޗް ވޮލީބޯޅަ ޗެމްޕިއަންޝިޕް
މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައި މި މަހުގެ 18 ވަނަ ދުވަހު ކުރިއަށްދިޔަ ނޭޝަނަލް ބީޗް ވޮލީބޯޅަ ލީގުގެ އެންމެ މޮޅު ހަތަރު ޓީމުގެ މެދުގައި ބޭއްވި މި މުބާރާތުގައިވެސް އެޗްޑީސީ ތަމުސީލުކުރީ ކްލަބް އެޗްޑީސީގެ އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން އެވެ.
ކުޅުނު ދެ މެޗުން ވެސް މޮޅުވެ، މި މުބާރާތުގެ ތަށި ވެސް ކާމިޔާބުކުރީ އެ ޓީމުންނެވެ.
އެޗްޑީސީން ބުނި ގޮތުގައި އެ ކޯޕަރޭޝަންގެ އަމާޒަކީ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، މި ފަދަ ކުޅިވަރުތަކުން ކުރިއަށްދާން މުވައްޒަފުންނަށް ހިތްވަރުދީ، ފުރުސަތު ފަހިކޮށްދިނުމެވެ.





