ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ކީރިތި ގުރްއާން ހިތުދަސްކުރުމުގެ ބައިނަލްއަގުވާމީ މުބާރާތު އަންނަ އަހަރުގެ އެޕްރީލްގައި ބާއްވަން ނިންމައިފިއެވެ.

Advertisement
Advertise with us

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު މީސްމިޑިއާގައި ވިދާޅުވީ އެ މުބާރާތަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ފަހުގެ ތައްޔާރީތައް ވެސް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި މުބާރާތަކީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އާއި ސައޫދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން އިންތިޒާމުކުރާ މުބާރާތެއް ކަމަށެވެ.

އެގޮތުން މުބާރާތުގެ އިންތިޒާމުތައް ވިލަރެސްކުރެއްވުމަށާއި، ފަހުގެ ނިންމެވުންތައް ނިންމެވުމަށްޓަކައި ސައޫދީގެ މިނިސްޓްރީގެ ހާއްސަ މަންދޫބަކު މިހާރު ރާއްޖެ ވަޑައިގެންފައިވާ ކަމަސް ވެސް ޝަހީމު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މުބާރާތް ބޭއްވުމަށް ބޭނުންވާ މާލީ އެހީތެރިކަން ސައޫދީ އަރަބިއްޔާގެ ސަރުކާރުން ހަމަޖައްސައި ދީފައިވާ ކަމަށެވެ. އެހެމްވެ އެކަމަށް ސައުދީގެ ސަރުކާރަށް ޝުކުރު ވެސް އަދާކުރައްވާފައިވެއެވެ.

އަންނަ އެޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތަކީ، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކީރިތި ގުރްއާން ހިތުދަސްކުރުމުގެ ޝައުގުވެރިކަން އިތުރުކުރުމަށާއި، އިސްލާމީ ތައުލީމީ ދާއިރާއިން އޮތް ގުޅުން ބަދަހިކޮށް، ސަރަހައްދީ އެއްބައިވަންތަކަން ހަރުދަނާކުރުމަށް ލިބިގެންދާނެ މުބާރާތެކެވެ.

ޝަހީމް ވިދާޅުވީ ސަރުކާރުގެ މައިގަނޑު އަމާޒަކީ މި މުބާރާތަކީ ކޮންމެ އަހަރަކުވެސް މެދުކެނޑުމެއްނެތި ބޭއްވޭނެ މުބާރާތަކަށް ހެދުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއީ ކީރިތި ގުރްއާނުގެ އިޢިލްމު ފެތުރުމަށާއި ޙާފިޡުންގެ އައު ޖީލެއް ބިނާކުރުމަށް މަގުފަހިކޮށްދޭ ދާއިމީ މަންސައަކަށްވުމަކީ ވަރަށް ވެސް ބޮޑު އުއްމީދެއް ކަމަށެވެ.