އިސްލާމް ދީނުގައި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ހަމައެކަނި އޯގާތެރިވުމުގެ ގޮތުން ނުވަތަ ވާޖިބު އަދާކުރުމުގެ ގޮތުން ކުރަން އޮތް ކަމެއް ނޫނެވެ.
އެއީ މާތް الله ގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ވެސް، އިންސާނަކަށް ކުރެވޭނެ އެންމެ އެންމެ މުހިންމު އެއް ހެޔޮކަމެވެ. ދިރިއުޅުމުގައި ތިބާގެ ހުރިހާ ގުޅުމެއްގެ ތެރެއިން ވެސް، މައިންބަފައިންނާ އޮންނަ ގުޅުމަކީ ވަރަށް ހާއްސަ ގުޅުމެކެވެ.
މައިންބަފައިން ދެކެ ރުޅި އައިސްގެން ”އުފް“ ވެސް ނުބުނުމަށާއި، ހަރުކަށި ކަމާއެކު ކިތަންމެ ކުޑަ ބަހެއް ވެސް ނުބުނުމަށާއި، އަބަދުވެސް އެމީހުންނަށް އިހުތިރާމްކޮށް ވާހަކަ ދެއްކުމަށް މާތް ވެގެންވާ އިސްލާމް ދީން ބާރު އަޅައެވެ. ނުރުހުންތެރި ރާގެއްގައި ކިތަންމެ ކުޑަ ބަހެއް ވެސް މައިންބަފައިންނާ ދިމާލަށް ބުނުން ހުއްދަ ވެގެން ނުވެއެވެ.
ކީރިތި ޤުރުއާނުގައި ﷲ ތައާލާ ވަހީ ކުރައްވާފައިވެއެވެ.
( وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ﴿٢٣﴾ وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ﴿٢٤﴾ ) ( އަލް އިސްރާއު 24-23 )
މާނައީ: ”އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ. (23) އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތްލައްވައިފާނދޭވެ! (24) ”
މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ހަމައެކަނި އެމީހުންނަށް ހަދިޔާ ގަނެދީ، ފައިސާގެ އެހީތެރިކަން ދިނުން އެކަންޏެއް ނޫނެވެ. އެއާއެކު އެމީހުންނާއެކު ވަގުތު ހޭދަކޮށް، ހެޔޮ ދުއާކޮށްދީ، އޯގާތެރިކަމާއެކު މުއާމަލާތް ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.
ދަރިން ދުނިޔޭގައި ތިބެ، މައިންބަފައިން ވަކިވެ ދިޔުމުން ވެސް އެމީހުންނަށްޓަކައި ހެޔޮ ދުއާ ކުރުމާއި، އެމީހުންގެ ނަމުގައި ސަދަގާތް ކުރުން ފަދަ ކަންކަންކޮށް، އެމީހުންނަށް އޯގާތެރިވެވޭނެއެވެ.
މައިންބަފައިންނަށް ހެޔޮވުމަކީ ސުވަރުގެ ވަނުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. މިއީ ކިހާ ރަނގަޅު ފުރުސަތެއް ހެއްޔެވެ؟ ދިރިއުޅުމުގައި ތިބާއަށް އެންމެ ލޯބި ދިން މީހުން ކަމުގައިވާ މައިންބަފައިންނަށް ހެޔޮ ވެގެން، ނިއުމަތްތަކުން ފުރިފައިވާ ސުވަރުގެ ހޯދުމަށް އެވަނީ ފުރުސަތު ފަހިވެގެން ގޮސްފައެވެ.
މާތްވެގެންވާ ނަބިއްޔާ މުޙައްމަދު (ސ.ޢ.ވ)ގެ ޙަދީޘްތަކުން އިރުޝާދުދެއްވާފައިވާ ގޮތުގައި ސުވަރުގޭގެ އެންމެ މަތިވެރި ދޮރުކޮޅުތަކުން ސުވަރުގެ ވަންނަން ބޭނުންވާ މީހާ އޭނާގެ މައިންބަފައިންނަށް ހެޔޮކޮށްހިތަން ޖެހެއެވެ.
މިއިންވެސް އެނގިގެންދަނީ އިސްލާމްދީނުގައި މައިންބަފައިންނަށް ދެއްވާފައިވާ ގަދަރާއި އިއްޒަތެވެ. މީގެ އިތުރުން މައިންބަފައިންނަށް އިހުސާންތެރިވެ، އިޙްތިރާމްކޮށް ހިދުމަތް ކުރުމަކީ ހައްޖުގެ އަޅުކަން އަދާކުރުމާ އެއްފަދަކަމެއް ކަމަށް ބައެއް ދަލީލުތަކުގައި ވެއެވެ. މިއިންވެސް މައިންބަފައިންނަށް ކަމޭހިތުމުގެ މުހިންމުކަން އެނގިގެން ދެއެވެ.





