އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން އިއުލާނުކޮށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ޕްރައިމަރީއަށް ނިކުންނެވީ އެމަނިކުފާނުގެ ތާއީދާއެކު ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Advertisement
Advertise with us

ސޯލިހު މިފަދައިން ވިދާޅުވީ ފައިސަލްއާއި އޭނާގެ ރަނިންމޭޓް އަދި މާލޭގެ މޭޔަރު އާދަމް އާޒިމްގެ ތާއީދުގައި އެމްޑީޕީގެ ގައުމީ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހާއްސަ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން، ”ސަންގު ޓީވީ“ އިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ފައިސަލާއި އާޒިމް ވާދަކުރައްވަނީ އެ މަނިކުފާނުގެ ތާއިދާއެކީ ކަމަށާއި އަދި، ކުރިމަތިލެއްވުމުގެ ކުރިން އެ މަނިކުފާނާ މަޝްވަރާކުރެއްވި ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ފައިސަލާއި އާޒިމް މިދިޔަ މަހު 17ގައި އިބޫއާ ބައްދަލުކުރެއްވިއިރު، އެ ބައްދަލުކުރެއްވުމަށް ފަހު ފައިސަލް ވިދާޅުވި ގޮތުގައި، ޕްރައިމަރީއަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުރިއަށް ދަނީ އިބޫގެ ފުރިހަމަ ތާއީދާއި އެއްބާރުލުމާ އެކުއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އެހެން ބޭފުޅުންގެ ތެރޭގައި އެ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ އިތުރުން ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަހުމަދު ޝަމްހީދު ހިމެނިވަޑައިގަންނަވައެވެ.