ސިނަމާލެ ހަތަރެއްގެ ފްލެޓްތައް އަމިއްލަ ކުރަން ބޭނުންވާ ފަރާތްތަކުން ދައްކަން ޖެހުނު ޖޫރިމަނާ، ސަރުކާރުން މާފު ކޮށްދެއްވުމުން، އެކަމަށްޓަކައި މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުއާއި ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލަށާއި ސަރުކާރަށް ވިލިމާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރު ފާތިމަތު ނާޒިމާ ޝުކުރު އަދާ ކުރައްވައިފިއެެވެ.
ފާތުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލުގެ ހަތަރު ވަނަ ދައުރަށް މާލެ ސިޓީގެ މޭޔަރު ހަވާލުވެވަޑައިގަތް ފަހުން ވެވަޑައިގެންނެވި އެންމެ އުންމީދީ ވައުދަކީ ވިލިމާލޭގައި ހުންނަ ސިނަމާލެ ހަތަރެއްގައި ދިރިއުޅޭ ފަރާތްތަކަށް އެތަން އަމިއްލަވެ ޖޫރިމަނާ މާފުކޮށްދިނުން ކަމަށެވެ.
”މާލެ ސިޓީގެ މޭޔަރު ކަމާއި ޑރ މުޢިއްޒު ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހުން ފެށިގެން އެކަމަށް ހައްލެއް ގެނެސް ރައްޔިތުންގެ ހިތަށް ތަސައްލީ ގެނެސްދިނުމަށް ވަރަށް ގަދަ އަޅާ މަސައްކަތް ކުރެއްވިކަން ފާހަކަ ކުރަމެވެ.“ ފޭސްބުކް ޕޯސްޓުގައިވެއެވެ.
ސިނަމާލެ 4 ގައި ދިރިއުޅޭ ފަރާތްތައް އެތަނަށް ފައިސާ ދައްކާތާ 18 އަހަރު ވީއިރުވެސް އެކަމަށް ހައްލެއް ގެނެސްދިނުމުގައި ކުރީގެ ހުރިހާ ކައުންސިލެއްވެސް ނުކުޅެދިފައި އޮތްއިރު، ޕީޕީއެމް އަށް މާލެ ސިޓީގެ މެޖޯރިޓީ ލިބުނު ފުރަތަމަ ފަހަރު ވެސް އެންމެ އިސްކަންދިނީ ރައްޔިތުން އެންމެ ބޭނުންވެފައި ހުރި ކަންތައް ހައްލުކޮށްދިނުމަށް ކަމަށް ފާތުން ވިދާޅުވިއެވެ.
”ރައީސް ޔާމީންގެ ތަރައްގީގެ ފިކުރުގައި ހުންނެވި މޭޔާރ މުޢިއްޒުގެ ހިންގުންތެރިކަން ފާހަގަ ކުރަމެވެ މިކަމުގައި މާލެ ސިޓީ ކައުންސިލަަށާއި މޭޔާރ މުޢިއްޒުއަށް ސަރުކާރުން ދެއްވި އެއްބާރުލުމަށް ސަރުކާރަށް ޝުކުރު އަދާ ކުރަމެވެ.“
އޭނާ ވަނީ ސިނަމާލެ4ގެ 33 އާއިލާއަށްވެސް މަރުހަބާ ވިދާޅުވެފައެވެ.
ސިނަމާލެ4ގެ ފްލެޓްތަކުގެ ވެރިން ޖޫރިމަނާގެ ގޮތުގައި ފަސްލައްކަ ސާޅީސްހާސް ނުވަ ސަތޭކަ ސާޅީސް ފަސް ރުފިޔާ ދައްކަން ޖެހިފައި އޮތްއިރު، ފިނޭންސް މިނިސްޓްރީން މިމަހުގެ 20 ވަނަ ދުވަހު ވަނީ، ޖޫރިމަނާ މާފުކޮށްދެއްވިކަން ސިޓީ ކައުންސިލަށް އަންގަވައިފައެވެ.
މިކަމާ ގުޅިގެން ފޭސްބުކްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ނަހުލާ ވިދާޅުވީ ވިލިމާލޭގެ ސިނަމާލެ ފްލެޓް ހަތަރެއްގެ 33 އާއިލާގެ ހައްގުގައި އޭނާވެސް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.