ސަރުކާރު ކޯލިޝަން އޮތީ ބަދަހިކޮށް ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިއުވާން މިފަދައިން ވިދާޅުވެފައިވަނީ މިދިޔަ ބްރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން މިއުވާން ވިދާޅުވީ ކޯލިޝަންގެ ލީޑާޝިޕް ބޭފުޅުންނާއެކެ ރައީސް މަޝްވަރާ ކުރައްވާ ކަމަށާއި އެބޭފުޅުން ކަންކަމުގައި އަރުވަން ބޭނުންވާ ލަފާވެސް އަރުވާ ކަމަށެވެ. ސީދާ މަޝްވަރާ ބައްދަލުވުންތަކެއްގެ ސިފައިގައި މަޝްވަރާތައް ނުބޭއްވުނު ނަމަވެސް މަޝްވަރާތައް ކުރިއަށް ގެންދެވޭކަމަށް ވިދާޅުވިއެވެ.

”ކޮންމެ ދުވަހަކު ނަންގަވާ ކޮންމެ ޑިސިޝަނަކީއެއީ، ކޯލިޝަންގެ ބޭފުޅުންނާއެއްކޮށް މަޝްވަރާ ކުރެވިގެންނަންގާ ޑިސިޝަނަކަށް ނުވެދާނެ. އެގޮތަށް ވާކަށް އަޅުގަނޑަށް ހީވަނީ ނުޖެހޭހެން.“ މިއުވާން ވިދާޅުވިއެވެ.

ސަރުކާރު ކޯލިޝަންގައި ތަފާތު ޕާޓީތައް ހިމެނޭކަން ފާހަގަކޮށް މިއުވާން ވިދާޅުވީ ހިޔާލުތަފާތުވާ ކަންކަންވެސް ހުންނާނެ ކަމަށެވެ. އަދި ކޯލިޝަން މިއަދާހަމައަށްވެސް ދެމި އޮތީ ވަރަށް ބަދަހިކަމާއެކު ކަމަށް ވިދާޅުވިއެވެ.