މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިންތިހާބީ ޗެއާޕާސަން، ފައްޔާޒު އިސްމާއީލާއެކު އެޕާޓީ ދާނީ ބާރަށް ކުރިއަށް ކަމަށް އެމްޑީޕީގެ އިސް ލީޑަރު، އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށްޓަކައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބު، ހަތްހާހަށްވުރެ ގިނަ ވޯޓުގެ ފަރަގަކާއެކުގައި ކާމިޔާބު ކުރެއްވީ، ރައީސް ސޯލިހުގެ ފެކްޝަނުން ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.
ފައްޔާޒަށް މަރުހަބާ ވިދާޅުވެ، ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހިންގުމުގެ ތަޖުރިބާއާއެކު ޕާޓީއާއެކު ކުރިއަށް ގޮސް، ރަނގަޅު މިސްރާބަށް ދަތުރު ކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
”ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް“ އެމްޑީޕީގެ ރަސްމީ ޓްވިޓަރ ޓެގް ކުރައްވައި، ރައީސް ސޯލިހު ވިދާޅުވިއެވެ.
މަރްޙަބާ @faya_i . ފަޔާގެ ހިންގުމުގެ ތަޖުރިބާއާ އެކު ޕާޓީއާއެކު ކުރިއަށްގޮސް، 2023 ކާމިޔާބުކުރުމަށް ރަނގަޅު މިސްރާބަށް ދަތުރުކުރާނެ ކަމުގެ ޔަޤީންކަން އެބައޮތް . ކުރިއަށް ކުރިއަށް، ބާރަށްކުރިއަށް.@MDPSecretariat pic.twitter.com/YxzLXZLd4s
— Ibrahim Mohamed Solih (@ibusolih) May 19, 2022
ރައީސް ސޯލިހު ފައްޔާޒަށް މަރުހަބާ ވިދާޅުވިއިރު، ފައްޔާޒު ވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް މަަސައްކަތް ކުރައްވާނެކަން ތަކުރާރުކޮށް ވިދާޅުވެފައެވެ.