އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަށް ވޯޓުނުދިން އެމްޑީޕީ މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އެ ހަތް މެމްބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު އާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރުގެ އިތުރުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. މި މެމްބަރުން ނިސްބަތްވެވަޑައިގަންނަވަނީ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނަށެވެ.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވީ ވިޕާ ހިލާފުވުމުން ފިޔަވަޅު އެޅުމަކީ އޭނާގެ މަސްއޫލިއްޔަތެއް ކަމަށާއި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ނަމަވެސް އަޅުއްވާނެ ފިޔަވަޅެއް އަސްލަމް ހާމަކުރައްވާފައެއް ނުވެއެވެ.
އެމްޑީޕީ ޕީޖީ ގްރޫޕުން ނެރޭ ވިޕްލައިންތަކާ ބައެއް މެމްބަރުން ހިލާފުވުން މިހާރު ވަނީ އާންމު ކަމަކަށް ވެފަ އެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕް ގަވައިދުގައިވާ ގޮތުން ވިޕްލައިނާ ހިލާފުވާ ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރު ފިޔަަވަޅު އަޅަންޖެހިއްޖެނަމަ ނަސޭހަތްދިނުމާއެކު މާފަށް އެދެން އެންގިދާނެއެވެ.
އަދި ތިންވަނަ ފަހަރަށް ވިޕްލައިނާ ހިލާފުވެއްޖެނަމަ ޕާޓީން ދޭ އިނާޔަތްތަކާއި ޕާޓީއަށް ލިބޭ ދަތުރުތަކުގައި ނުދެވޭ ގޮތް ހެދިދާނެއެވެ.