ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ”ކޯލިޝަން ޗެމްޕެއިން“ ކަަމަށް، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

އަލީ ސޯލިހު މިހެން ވިދާޅުވެފައިވަނީ ދިވެހި ޗެނަލްގެ ”ހަވާސާ“ ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

އަލީ ސޯލިހު ވަނީ ނުސީދާ ގޮތެއްގައި ރައީސް މުހައްމަދު ނަޝީދަށްވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރައީސް ނަޝީދު ކޯލިޝަނަކާއެކު ވެރިކަން ހޯއްދެވިއިރު، އެކަން މިއަދު ހަނދުމަފުޅު ނެތި، އެމަނިކުފާނަށް ތާއީދު ކުރައްވާ މަޖިލީހުގެ މެމްބަރުން މެދުވެރިކޮށް، ކޯލިޝަން ރޫޅާލުމަށް ބާރުއަޅާ، ރައްޔިތުންގެ މަޖިލީހުގައިވެސް އެކި ވާހަކަތައް ފަތުރުއްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ރައީސް ސޯލިހު، އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންނެވި ގޮތް ހަނދުމަފުޅު ނުނެތޭ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

”ރިޔާސީ ރޭސް ނިންމަވާފަ، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވިއިރުގަ، އެ ވިދާޅުވެދެއްވި ބަސްފުޅު އަދި އަދަށްވެސް އެބައޮތް.“ އޭނާ ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ކޯލިޝަން ދެމެހެއްޓެވި ނަމަވެސް، ކޯލިޝަނުގެ އެއްބަސްވުމަށް އެންމެ ރަނގަޅަށް އަަމަލު ކުރެވެމުން ނުދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.