ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ސަމަރުބްލޫ އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، ތައުބީނުގެ ޖަލްސާއެއް ބޭއްވެވުމަށާއި، ތަޢުޒިޔާގެ ދަފްތަރެއް ހުޅުއްވުމަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ.

Ads by Asuru

ތައުބީނުގެ ޖަލްސާ އިންތިޒާމު ކުރައްވާނީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުންނެވެ. ތަޢުޒިޔާގެ ދަފްތަރު ހުޅުއްވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ އަޑުގައެވެ. އެއީ، ދިވެހިރާއްޖޭގެ އަޑަކީ، އިބްރާހީމް މަނިކު އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މުއައްސަސާ ކަމަށްވާތީ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އިބްރާހީމް މަނިކު އަވަހާރަވީ މިއަދު އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 72 އަހަރެވެ.

އިބްރާހީމް މަނިކަކީ، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ބްރޯޑްކާސްޓިންގ ދާއިރާގެ އިތުރުން، އެ މަނިކުފާނަކީ މިނިސްޓަރ އޮފް ޔޫތު، ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސް ކަމުގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ. އޭގެފަހުން، ކޮމިއުނިޓީ އޯގަނައިޒޭޝަންސް ޑިވެލޮޕްމަންޓްގެ ޗެއަރމަން ކަމުގެ މަގާމުވެސް ފުރުއްވިއެވެ.