ޤާނޫނާ ޚިލާފަށް ރާއްޖޭގެ އިގުތިސާދީ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުން ދަނިކޮށް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔަ ސްރީލަންކާގެ ތިން މަސްބޯޓް، މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

Ads by Asuru

އެ ބޯޓްތައް ހިފަހައްޓާފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޣާޒީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލްކުރުމުގެ ތެރެއިންނެވެ. ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް ހިފެހެއްޓި މިދިޔަ މަހުގެ 30 ގައެވެ.

ލަންކާގެ މި ތިން ބޯޓްގެ ތެރެއިން ދެ ބޯޓަކީ ”ބަނޫޒަން“ ނަމަކަށް ކިޔާ ބޯޓަކާއި ”ރަތު 01“ ނަމަކަށް ކިޔާ ބޯޓެކެވެ. މިއިން ކޮންމެ ބޯޓެއްގައި ވެސް ސްރީލަންކާގެ ހަ ފަޅުވެރިން ތިއްބެވެ.

ތިންވަނަ މަސްބޯޓަކީ ”ލަކްޕްވިޔާ ދެނެތު“ ނަމަކަށް ކިޔާ މަސް ބޯޓެކެވެ. ހަތް ފަޅުވެރިންނާ އެކީ މަސްވެރިކަން ކުރަމުންދިޔަ އެ ބޯޓް ކޯސްޓްގާޑުގެ ދަށަށް ގެންދިޔައީ މި މަހުގެ 1 ގައެވެ.