ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ ވޭން ތަހަމައްލުކުރާ މީހެއް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

މެންޓަލް ހެލްތު ނުވަތަ ނަފުސާމީ ދުޅަހެޔޮކޮށް ހާއްސަކޮށްގެން އިއްޔެ ހަވީރު ދަރުބާރުގައި ލޯންޗްކުރި ”ކިހިނެއް؟“ ގައުމީ ކެމްޕޭން ގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަންގެ އުނދަގޫތައް އިހުސާސްކުރާ އިރު، ކިޔަވައިދޭ ތަންތަނާއި މަސައްކަތުގެ މާހައުލާއު، ސޯޝަލް މީޑިއާގައި ވެސް، އެކަކު އަނެކަކާ ހަނގާ ކުރުމާ، އަބުރު ކަތިލުމަކީ އާއްމުކަމަކަށް ވެފައިވާ ކަމަށެވެ.

”ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް ރާއްޖޭގައި އޮތް މިންވަރު އިތުރުވެފައިވާ އިރު، މި ބަލިތައް ތަޙައްމަލު ކުރާ މީހުންނާ، އެ މީހުންގެ ޢާއިލާތަކަކީ ތަފާތު ނަފުސާނީ މައްސަލަތަކާ ކުރިމަތިލާން ޖެހޭ ބައެއް.“ މިނިސްޓަރު ވިދާޅުވި އެވެ.

ނަސީމު ވިދާޅުވި ގޮތުގައި ނަފުސާނީ މައްސަލަތަކާ އެތައް ކަމަކާ ގުޅިފައިވާ ކަމަށެވެ. އެގޮތުން މާރާމާރީތަކާއި ތަފާތު ހަމަ ނުޖެހުންތަކާއި އަދި އިޖުތިމާޢީ އެކިއެކި މައްސަލަތަކަކީ، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ސީދާ ގޮތުން ނޭދެވޭ އަސަރު ކުރާ ކަންކަން ކަމަށް ވިދާޅުވިއެވެ.