ސަރުކާރުގެ ގައުމީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނިގެން ނަފްސާނީ ދުޅަހެޔޮކަމަށް ދެއްވާ އިސްކަމުގެ ތެރޭން ކުރެވޭ މަސައްކަތްތަކުގެ ދަށުން ނަފްސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ އިފްތިތާޙް ކޮށްދެއްވައިފިއެވެ.

Ads by Asuru

ރައީސް މި ކެމްޕެއިން އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި އިއްޔެ ހަވީރު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ.

”ކިހިނެއް؟“ ކެމްޕެއިން ފަށްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދެއްވައި އަދި މިހާރުވެސް މަސައްކަތްކުރަމުން އަންނަނީ އެންމެ ފަރުދަކުވެސް ބާކީ ނުކޮށް އަދި ތަފާތުނުކޮށް، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ލިބިދިނުމަށްކަމުގައެވެ.

އަދި ނަފްސާނީ ހާލަތެއް މެދުވެރިވާކަމުގެ ޢަލާމާތްތައް އޭގެ ކުރީކޮޅުގައި ދެނެގަތުމާއި އަދި އެންމެ ކުރީކޮޅުގައި އެކަމަށް ބޭނުންވާ އެހީތެރިކަން ހޯދައި ފަރުވާ ދޭން ފެށުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން އިއްޔެ ފެށިގެންދިޔަ ކެމްޕެއިނަކީވެސް މި ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމު ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ކެމްޕެއިނުގެ އިތުރުން ނަފްސާނީ ފަރުވާގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ވެސް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.

ރާއްޖޭގައި ގާޢިމުކުރި ނަފްސާނީ ފަރުވާ ދޭ ފުރަތަމަ މަރުކަޒުކަމުގައިވާ ”ސެންޓަރ ފޯ މެންޓަލް ހެލްތު“ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މާޗް 2019 ގައި ހުޅުވުމަށްފަހު އެ ހިދުމަތްތައް އިތުރަށް ފުޅާވެ، ހުޅުމާލޭ ހޮސްޕިޓަލުގައިވެސް މެންޓަލް ހެލްތް ސެންޓަރެއް ގާއިމުކޮށް މިހާރު އަންނަނީ ހިދުމަތް ދެމުންނެވެ.

އަދި ހިދުމަތް ދެމުން އަންނަނީ، ނަފުސާނީ ބަލިތަކަށް ބޭނުންވާ ގިނަ ފަރުވާތައް އާސަންދައިގެ ދަށުން ކުރެވޭ ގޮތަށެވެ. މީގެ އިތުރުން މިހާރު ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ ފަސް ހޮސްޕިޓަލުގައިވެސް ނަފްސާނީ ފަރުވާދޭނެ އިންތިޒާމުތައް މިހާރު ހުރީ ހަމަޖެހިފައެވެ

ރައީސް ސޯލިހު ވާހަކަފުޅުގައި ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމުގައި  ކަމާބެހޭ ތަޖްރިބާކާރެއްގެ ފަރުވާ ހޯދުމުގެ އިތުރުންވެސް ކުރެވިދާނެ ބައެއްކަންކަންހުރިކަން ފާހަގަކުރެއްވިއެވެ. އެގޮތުން ގާތްތިމާގެ މީހުންނާއި ރަޙުމަތްތެރިންގެ އެހީތެރިކަމާ އެއްބާރުލުން ހޯދުމާއި އިޖްތިމާޢި ބަދަހިކަން މިކަމުގައި އަދާކުރާ މުހިންމު ރޯލު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިއްޔެ އިފްތިތާހްކުރި ”ކިހިނެއް؟“ކެމްޕެއިނަކީ އަމިއްލަ ނަފްސަށް އަޅާލުމުގެ އާދަ އަށެގެންނެވުމާއި އެކަކު އަނެކަކަށް އަޅާލާ އޯގާތެރި މާހައުލެއް އުފެއްދުމާއި މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމާއި ނަފްސާނީ ބަލިތައް ތަޙައްމަލުކުރާ ފަރާތްތަކާމެދު އޮންނަ ތަފާތުކުރުން ނައްތާލުމަށް ކުރިޔަށްގެންދެވޭ ކެމްޕޭނެކެވެ.
މިކެމްޕޭނަކީ ޔުނިސެފުގެ އެހީތެރިކަމާއެކު ކުރިއަށް އޮތް އެއް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކެމްޕޭނެކެވެ. އަދި މި ކެމްޕޭނަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭނެ ކެމްޕޭނެކެވެ.