ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

Ads by Asuru

އޭސީސީން ބަލަމުން ދަނީ އަމިއްލަ ފަރާތަކުން، ނަހުލާއާ ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ. އެ މައްސަލަ އަކީ އެއްގަމު ވެހިކަލް ރަޖިސްޓްރީކުރުމުގެ ޤަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްދީގެން މާލީ ފައިދާ ހޯދަމުންދާ ކަމަށް ބުނެ ހުށަހެޅި މައްސަލައެވެ.

އޭސީސީން ބުނީ އެ މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށާއި މިހާރު މިދަނީ އެ މަސައްކަތުގެ ފުރަތަމަ މަރުހަލާ ކަމަށެވެ. އެގޮތުން އެ މައްސަލައިގެ ފުރަތަމަ މަރުހަލާގައި، ކަމާ ގުޅުންހުރި ލިޔެކިޔުންތައް ހޯދަމުންދާ އަންނަ ކަމަށް ބުންޏެވެ.

އޭސީސީން ބުނީ، މި މައްސަލަ ބަލަން ފަށާފައިވާ އިރު، މިނިސްޓަރާ ސުވާލުކުރަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމުގައެވެ.

މި މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދުވެސް މާލީ ތަނަވަސްކަން ހޯދައިފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

މިނިސްޓަރު ނަހުލާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައި މިވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އަށް ކޮރަޕްޝަންގެ ތުހުމަތުކޮށް އޭނާ މަގާމުން ވަކިކޮށްދޭން މިނިސްޓަރު ނަހުލާ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީފުޅެއް ފޮނުއްވާފައި ވަނިކޮށެވެ.

ޝިމާޒު މަގާމުން ވަކިކުރުމަށް މިނިސްޓަރު ނަހުލާ އެދިވަޑައިގަތީ ގައިވާދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީ ކުރުންފަދަ ކޮރަޕްޝަންގެ އަމަލުތަކުގެ އިތުރުން މިނިސްޓްރީގެ ބައެއް ބޭފުޅުންގެ އަބުރަށް އަރައިގެން ކަމުގެ ތުހުމަތުތަކެއް ޝިމާޒްއަށް ކުރެވޭތީއެވެ.