ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި ހާލުގައި ޖެހިފައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުންގެ މައްސަލައަށް އަވަސް ހައްލެއް ގެނެސްދިނުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވާލައިފިއެވެ.

Ads by Asuru

އެ ޕާޓީން މިކަަމަށް ގޮވާލީ، މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ. މިގޮތުން ޕާޓީގެ ބަޔާނުގައި ވަނީ ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި އުޅޭ ދިވެހިން ރާއްޖެ ނާދެވި ގިނަ ދުވަސްތަކެއް ވެފައިވާތީ އެމީހުންގެ އާއިލާތަކުގެ ހިތާމައިގައި ބައިވެރިވެ، ކަންބޮޑުވުން ފާޅުކޮށް، އެކަމަށް އަވަސް ހައްލެއް ގެނެސްދިނުމަށް ގޮވާލާފައެވެ.

ރައީސް އޮފީހުގައި މިދިޔަ އޮކްޓޫބަރު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހް ވިދާޅުވީ ސީރިއާ ގެންނަ ދިވެހިން ބޭތިއްބުމަށް ހަދާ ހާއްސަ މަރުކަޒު ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ނިންމާ، އެ މީހުން ރާއްޖެ ގެނެވޭނެ ކަމަށެވެ.

ރައީސްގެ މިވާހަކަފުޅާ ގުޅުވައިގެން އެމްއެންޕީގެ ބަޔާނުގައި ބުނެފައިވަނީ ރައީސްގެ ވާހަކަފުޅަށް އަމަލީ ސިފަ ގެނައުމުގެ އެއްވެސް ކަމެއް ސަރުކާރުން ކުރިއަށް ނުގެންދާ ކަމަށެވެ. އަދި ސީރިއާގައި ތިބި ދިވެހިންގެ އާއިލާތަކުން ކަމާ ގުޅޭ އިދާރާތަކަށް ފޮނުވާ ސިޓީތަކަށް ޖަވާބު ނުދޭ ކަމަށާއި އެއްބާރުލުން ނުދޭ ކަމަށް އާއިލާ ތަކުން ބުނާ ކަމަށްވެސް ބަޔާނުގައިވެ އެވެ.