ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ޗާގޮސް (ފޯޅަވަހި) މައްސަލައާ ގުޅޭގޮތުން ދިވެހި ފުލުހުންނަށް މިއަދު މައުލޫމާތު ދީފިއެވެ.

Ads by Asuru

ފުލުހުންގެ އިސްކަންދަރު ބިލްޑިންގައި މިއަދު ކުރިއަށް ގެންދިޔަ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވީ ފޮރިން މިނިސްޓަރު ޝާހިދާއި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުއެވެ.

މިބައްދަލުވުމަކީ ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު މިހާރު ކުރިއަށްދާ މައްސަލައާ ގުޅޭގޮތުން ދިވެހި ފުލުހުންނަށް މައުލޫމާތު ދިނުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމުމާ ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.

ފުލުހުން ބުނި ގޮތުގައި މިބައްދަލުވުމުގައި ބައިވެރިވީ ފުލުހުންގެ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނެވެ.

މީގެއިތުރުން މިބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ފޮރިން މިނިސްޓްރީގެ އިސްވެރިންނާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ އިސް ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.