ތައިލެންޑްގެ ރަސްގެފާނުގެ މަންމާފުޅު، ރާނީ ސިރްކިތްގެ 90 ވަނަ އުފަންދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ކުރިޔަށްގެންދާ، ބައިނަލްއަޤްވާމީ ތިންވަނަ ތައި ސިލްކް ފެޝަން ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

Ads by Asuru

މި ރަސްމިއްޔާތު އޮތީ އިއްޔެ، ތައިލެންޑްގެ ބެންކޮކްގެ ރޯޔަލް ޕެރަގަން ހޯލްގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެޝަން ޑިޒައިނަރުން ބައިވެރިވާ ބައިނަލްއަޤްވާމީ ތިންވަނަ ތައި ފެޝަން ވީކް މި އަހަރު ކުރިޔަށް ދަނީ ޑިސެމްބަރު 6 އިން 11 އަށެވެ.

އަދި، ޑިސެމްބަރު 7 ވަނަ ދުވަހު މި ޙަރަކާތުގައި ރާއްޖެއިން ބައިވެރިވާ ފެޝަން ޑިޒައިނަރ ޖާދު އިސްމާޢީލް ހުށައަޅައިދޭ ތައި ސިލްކް ޑިޒައިންގެ ހެދުންތައް ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައްލަވައިލައްވާނެއެވެ.

ތައި ސިލްކް ފެޝަން ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ތައިލެންޑަށް ވަޑައިގެންނެވީ، އެސޯސިއޭޝަން އޮފް ތައި ސިލްކް އެންޑް ކަލްޗަރ ޕްރޮމޯޝަންސްގެ ދަޢުވަތަކަށެވެ.