ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން(ވެމްކޯ)އާ މާލެ ސިޓީ ކައުންސިލާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ސަބަބުން، މަގުމަތީގައި ކުނިކަހާ އެއްވެސް މީހަކު ވެމްކޯއިން ވަޒީފާއިން ވަކި ކުރާނަމަ، އެ ފަރާތްތަކަށް ސިޓީ ކައުންސިލުގެ ކުނި ކެހުމުގެ މަަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނެ ކަމަށް މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

މުއިއްޒު މިހެން ވިދާޅުވެފައިވަބީ ވެމްކޯއާ މާލެ ސިޓީ ކައުންސިލާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހުގެ 26 ވަަނަ ދުވަހު ހަމަވާން ކައިރިވެފައިވާއިރު، މި އެއްބަސްވުމާ ގުޅޭ ބައެއް ކަންކަން މީޑިއާތަކަށް ސާފުކޮށްދެއްވަމުންނެވެ.

މުއިއްޒު ވިދާޅުވީ ވެމްކޯއާ ސިޓީ ކައުންސިލާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލު ނުކުރާ ކަމަށާއި، މުއްދަތު ހަމަވުމާއެކު އެއްބަސްވުން ނިމުމަކަށް އަންނާނެ ކަމަށެވެ. އަދި އެއްބަސްވުމުގެ މުއްދަތު ހަމަވިޔަސް، ސިޓީ ކައުންސިލުން ގޭގެއިންނާ އިމާރާތްތަކުން ކުނި ނުނަގާނެ ކަމަށާއި، ކުނި ނަގާނީ ކައުންސިލުގެ ޒިންމާގެ ތެރޭގައި ހިމެނޭ ތަންތަނުންކަންވެސް މޭޔަރު ވަނީ ފާހަގަކުރައްވައިފައެވެ.

”ސިޓީ ކައުންސިލުން ހަމައެކަނި މަގުތަކާ ޕާކުތަކާ ފަޅުތެރެއާ އާންމު ސަރަހައްދުތަކުން އެކި ކުނި ނަގާނީ. އެއީ ލާމަރުކަޒީ ގާނޫނުގައި ސިޓީ ކައުންސިލުގެ ޒިންމާއެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ތަންތަން.“

ސިޓީ ކައުންސިލުން ނަގާ ކުނި ހަވާލު ކުރާނީ ވެމްކޯގެ ސައިޓާއެވެ. އަދި ގޭޓް ފައިސާގެ ގޮތުގައި އެކުންޏަށްވާ ފައިސާ  ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކާނެއެވެ.

މުއިއްޒު ވިދާޅުވީ ވެމްކޯއާއެކުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރުމަށް އެދި، ތަކުރާރުކޮށް، އެތައް ފަހަރަކު މަޝްވަރާކޮށް ސިޓީ ފޮނުވާ ހެދި ކަމަށެވެ. އެހެންނަމަވެސް އެއްވެސް އިސްލާހެއް އައިސްފައިނުވާކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން އާންމު ތަންތަނާ ޕާކުތަކުން ކުނި ނެގުމުގެ މަސައްކަތް ކުރީ އެކަން ކުރަން މަޖުބޫރު ވެގެން ކަމަށެެވެ. އަދި ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން އޮވެމެ، އެއްބަސްވުމާ އެއްގޮތަށް ވެމްކޯއިން ކުނި ނުނެގުމަކީ، ކައުންސިލުން އިތުރު ހަރަދު ކުރަން ޖެހުނު ކަމެއް ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.