ކ.ގުޅިފަޅުގައި 30،000 ރައްޔިތުންނަށް އުޅެވޭނެ ގޮތް ހަދައި، ގުޅިފަޅުގެ ޕްލޭން ބަދަލު ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންނެވިތާ 11 މަސް ވެގެން ގޮސްފައިވާއިރުވެސް، އެކަމާ ގުޅޭ އެއްވެސް ކަމެއް އަމަލީ ގޮތުން ކުރައްވާފައި ނުވާތީ، މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

Ads by Asuru

ސަރުކާރުން ޕްލޭން ކޮށްފައިވާ ގޮތަށް ގުޅިފަޅުގައި ޕޯޓު އެޅުމަށް ފަހުގައިވެސް، ފަޅުގެ ނުހިއްކާ އޮތް ސަރަހައްދު ހިއްކައިގެން، 30،000އަށްވުރެ ގިނަ ރައްޔިތުންނަށް ގެދޮރު ދިނުމަށް މޭޔަރު މީގެ ކުރިން ރައީސް ސޯލިހުގެ އަރިހުން އެދިވަޑައިގެންނެވިއެވެ. މިކަމަށް އެދިވަޑައިގަތީ، މިދިޔަ އަަހަރުގެ ކުރީކޮޅު ރައީސް ސޯލިހުއާ ބައްދަލުކުރެއްވުމަށްފަހުގައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ އެކަން ކޮށްދެއްވުމަށް މާލެ ސިޓީ ކައުންސިލާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ދިވެހި ޗެނަލްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ ސަރުކާރުގެ އިހްލާސްތެރި ކަމެއް ނެތް ކަމަށާއި، ގުޅިފަޅުން ބޯހިޔާވަހިކަން ދޭން މިހާތަނަށް އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.

”އަޅުގަނޑު ހަމަ ކުުރިންވެސް ދެންނެވި ގޮތަށް، ރައީސް ވައުދުވެލެއްވި، ގުޅިފަޅުގެ ޕްލޭން ބަދަލު ކުރައްވާނެ ކަމަށް. އެތަނުގައި 30،000 ގޯތި ދެވޭގޮތަށް ހަދަން ކައުންސިލާ މަޝްވަރާ ކުރިއަށް ގެންދަން.“ މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ހުޅުމާލެއިން ބޮޑު އަގުގައި ބިން ވިއްކަން ސަރުކާރުން ނިންމީ، ސިޓީ ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތިކަންވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އާމްދަނީ ހޯދަން ބިން ވިއްކިޔަސް، އޭގެ ކުރިން ނިކަމެތި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގަށް އިސްކަން ދޭން ޖެހެއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރައްޔިތުންނާ ގުޅުން ހުރި މިފަދަ  ކަންކަމުގައި ސިޓީ ކައުންސިލުން ރައީސް އޮފީހަށް ސިޓީ ފޮނުވިޔަސް، އެދެވޭ ޖަވާބެއްވެސް ނުލިބޭ ކަމަށެވެ.

އަދި މާލޭގެ ރައްޔިތުންނަށް ކަމެއް ކޮށްދިނުމުގެ ނިޔަތެއް ސަރުކާރުގެ ނެތް ކަމަށްވެސް ވިދާޅުވިއެވެ.