ދައުލަތުން އެއް ރުފިޔާވެސް ވަގަށް ނަގާފައިނުވާނެ ކަމަށް ވިދާޅުވެ، އެކަމަނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ދުންޔާ މައުމޫން އިންކާރު ކުރައްވައިފިއެވެ.

Ads by Asuru

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ ދުންޔާ މައުމޫން ވަނީ މިއަދު 11:00 ގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކޮށްފައެވެ.

ދުންޔާ އޭސީސީއަށް ހާޒިރުކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ސުވާލުކުރުމަށެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ދުންޔާ ވިދާޅުވީ، އެކަމަނާގެ މައްޗަށް ކުރަނީ ސިޔާސީ ގޮތުން ކުރާ ތުހުމަތެއް ކަމަށެވެ. އަދި އެއީ ދޮގު ތުހުމަތުތަކެއް ކަމަށެވެ.

ދުންޔާ ވިދާޅުވީ ސަރުކާރާއި ދިވެހި ރައްޔިތުންގެ އަތުން ވަގަށް 1 ރުފިޔާވެސް ނަގާފައި ނުވާނެ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ލިސްޓުގައިވެސް ދުންޔާ މައުމޫންގެ ނަން ހިމެނިފައިވެއެވެ. ނަމަވެސް އެ ލިސްޓުން އެމްޑީޕީގެ އިސް ބަޔަކު އުނިކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.