ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ސަރުކާރުން ހަނިކުރާތީ އެމްނެސްޓީ އިންޓަރނޭޝަނަލް އިން ކަންބޮޑުވުންފާޅުކޮށްފިއެވެ.

Ads by Asuru

އެމްނެސްޓީން ވަނީ، އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި، އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ އެއްވުމުގެ ބައިވެރިއެއްގެ ފަހަތުން ސިފައިންގެ މީހަކު ދުވާ ވީޑިއޯ ހިއްސާ ކޮށްފައެވެ.

އެ ވީޑިއޯއާއެކު ކުރި ޓްވީޓުގައި އެޖަމިއްޔާއިން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަރާރަކުން ރާއްޖޭގައި މުޒާހަރާ ކުރުމުގެ ހައްގު ހަނިކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެ ޖަމުއިއްޔާއިން ވަނީ ސުލްހަވެރިކަމާއެކު ނޫސްވެރިންނާއި އާންމު ރައްޔިތުން މުޒާހަރާ ކުރުމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު އެއްވެސް ވަރަކަށް ހަނިކޮށް ހުރަސް އަޅާނަމަ އެކަން ކުރަނީ ގަނޫނާ އެއްގޮތަށްތޯ ޔަގީން ކުރުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

މީގެއިތުރުން އެމްނެސްޓީން ވަނީ އިދިކޮޅުން ކުރިއަށް ގެންދާ އެއްވުމުގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުން ކުށްވެރިކޮށް، އެކަން ތަހުގީގު ކުރުމަށްވެސް ގޮވާލައިފައެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ހުރަސް ނާޅުއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންނެވިއެވެ. އެހެންނަމަވެސް ފާޑުކިޔާ ފަރާތްތަކުން ދަނީ، މިހައްގަށް ސަރުކާރުން ހުރަސް އަޅާކަން ފާހަގަކުރަމުންނެެވެ.